ads
ނައިބު ރައީސް، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރަން ތައްޔާރު
އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރަން ރާއްޖޭން އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކަ ޓާކް އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

‎މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތް ކުރުމަށް ދިވެހިރާއްޖޭން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވި އެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލިހާ އަދި އެ މަޖިލިހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުންދީގެން ރާއްޖޭން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

‎މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވަނީ ދެ ފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ހާއްސަ ގޮތެއްގައި، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގާޒާއަށް މިހާރުން މިހާރަށް ބޭނުން ޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަގީންކުރުމުގެ މުހިންމު މައުލޫއަށް ނައިބު ރައީސް އަލިއަޅުއްވާލައްވާފައިވެ އެވެ.

ނައިބު ރައީސް ސްވިޒަލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި މި ޑިސެމްބަރު މަހުގެ 11 އިން 12 އަށް ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް