ads
ނައިބު ރައީސް ހުސައިން: ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ ހަމަހަމަކަން ކަމަށް - ފޮޓޯ:ރައީސް އޮފީސް
އިންސާނީ ހައްގުތައް ރައްކާތެރިކުރާ މުއާހަދާއިން ބާރުއަޅަނީ ހަމަހަމަކަމަށް
އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ ހަމަހަމަކަން ކަމަށާ އަދި ބައިބައިވުމަށް ފުރުސަތެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސްވިޒަލެންޑްގެ ޖެނީވާގައި "ހިއުމަން ރައިޓްސް 75" ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އިންސާނީ ހައްގުތައް ކުރިއަށް ނެރެ މިއަދާ އަދި ކުރިމަގުގެ މައްސަލަތައް ހައްލުކުރުމުގެ މައުލޫގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީގެ ކަންކަމުގައި ގެންގުޅުއްވާ ވިސްނުންފުޅަކީ ތަރައްގީއަށް ކުރާ ދަތުރުގައި އިންސާނީ ތަރައްގީއަށް އިސްކަންދިނުމުގެ ވިސްނުންފުޅު ކަމަށެވެ.

ނައިބު ރައީސް ވާހަކަފުޅުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާއިރު، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އިންސާނީ ހައްގުތަކުން މަހުރޫމުވެ ކުރިމަތިލާންޖެހިފައިވާ ދަތި ހާލަތަށް އަލިއަޅުއްވާލައްވައި ގާޒާގައި ހިންގަމުންދާ އުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖޭން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރެއްވި އެވެ. މީގެ އިތުރުން ގާޒާގެ މިހާރުގެ ހާލަތާއި އަދި އެހެން ގައުމުތަކުގައި ހިނގަމުންދާ މިފަދަ ހަނގުރާމަތަކަކީ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމަށް ބޭނުންޖެހިފައިވާ މިންވަރު ދައްކުވައިދޭ މިސާލުތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މައިގަނޑު ފަސް ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެގޮތުން ފުރަތަމަ ކަމަކަށް އިންސާނީ ހައްގަކީ އިތުރު ބަހުސެއް ނުކޮށް ލިބެން ޖެހޭ ހައްގެއް ކަމާ އަދި އެއީ ފަރުދެއްގެ ކަރާމާތް ރައްކާތެރިކުރުމަށް އެންމެ ކުޑަ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ދެ ވަނަ ކަމަކަށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދަން ވާނީ ސަރުކާރާއި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކާއި ވަކިވަކި ފަރާތްތައް ހިމެނޭހެން ވަށާ ޖެހޭ ގޮތެއްގައި ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ތިން ވަނަ ކަމަކަށް އިންސާނީ ހައްގުތަކާ ގުޅޭ އިލްމުތައް ހުރިހާ ފަންތިއެއްގައި ފެތުރުމެވެ. އަދި ހަތަރު ވަނަ ކަމެއްގެ ގޮތުގައި، ތަރައްގީ އާއި ސުލްހަމަސަލަސްކަމާއި ސަލާމަތްކަން ކުރިއަރުވައި މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މަލްޓިލެޓަރަލިޒަމާއި ވަކި ހަމަތަކެއްގެ މައްޗަށް ބިނާވެގެން ބައިނަލްއަގުވާމީ ގޮތުން ކަންކުރަމުން އަންނަ އުސޫލުތައް ބަލައިގަނެ ކުރިއަށް ދިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ފަހު ކަމެއްގެ ގޮތުގައި، ކުރިމަގަށް ކުރެވޭ އުންމީދުތައް އާކުރުމުގެ ގޮތުން އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކުރުމާ އެކު ކަންކަން ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ވާހަކަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

"ހިއުމަން ރައިޓްސް 75" ގެ މަތީ ފަންތީގެ ހަރަކާތްތަކަކީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލެންޑްގެ ސަރުކާރާ ގުޅިގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެކެވެ.

ދިވެހިރާއްޖެއަކީ އދ. ގެ ހިއުމަންރައިޓްސް ކައުންސިލުގެ މެންބަރު ގައުމެކެވެ. އަދި ކައުންސިލުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސްގެ މަގާމު މިހާރު ފުރަމުން ދަނީ ވެސް ރާއްޖޭންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް