ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ: ސާޖިދާ އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ހެލްތު މިނިސްޓްރީ އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަން ގޮވާލާ ކުއްލި މައްސަލައެެއް ވަނީ ހުށަހަޅާފައި - ފޮޓޯ:ރައީސް އޮފީސް
ސާޖިދާ އާއެކު ހެދި ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ހެލްތު މިނިސްޓްރީ އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ގާނޫނާ ހިލާފަށް ހާއްސަ އުސޫލަކުން ސާޖިދާއަށް ކޮންޓްރެކްޓެއް ދީފައި ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެތަކެއް ހާސް މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު ހުންނެވި ސާޖިދާ ފަސްޓްލޭޑީ ކަމަށް ވަޑައިގެންނެވިއިރު އެކަމަނާ ވަނީ ހަތަރު އަހަރު ދުވަހަށް ނޯޕޭ ލީވް ނަންގަވާފަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ މަސައްކަތުގެ ދާއިރާއަށް ސާޖިދާގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށް ބުނެ ކޮންޓްރެކްޓު އުސޫލުން ސާޖިދާގެ ކޮންސަލްޓަންސީ ލިބޭނެ ގޮތަށް ހަދާދެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގައި އެދިފަ އެެވެ. ހެލްތު މިިނިސްޓްރީގެ ހުށަހެޅުމާއެއްގޮތައް އެކަން ވަނީ ހަމަޖައްސާދީފަ އެވެ.

ޔައުގޫބް އަބްދުﷲ ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ގަވާއިދާ ހިލާފަށް ސާޖިދާއަށް ކޮންޓްރެކްޓު ދިން ކަމުގެ ޝަކުވާތައް އައިސްފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އޭނާ ވިދާޅުވީ ނޯޕޭ ލީވް އަކީ އާއިލީ ކަންކަމުގައި ދެވެން އޮންނަ އެއްޗެއް ކަމަށާއި ރައިސްުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނަށް ވީތީ އެގޮތަށް ދެވިގެން ނުވާނެ ކަމަށެވެ. 

މަޖިލީހުގައި ކުރަން ހުރި އެހެން މަސައްކަތްތައް މަޑުޖާއްސާލުމަށް ފަހު ސާޖިދާގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެހެން ޕާޓީތަކުގެ މެންބަރުން ބުނަމުން ދިޔައީ އެމްޑީޕީން މަސައްކަތް ކުރަނީ ޒާތީ ގޮތުން ފުރައްސާރަ ކުރަން ކަމަށެވެ.  

އެގޮތުން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ މިކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުން ދަނިކޮށް މަޖިލީހުގެ ތަޅުމަށް މި މައްސަލަ ގެނައީ ހައްލެއް ހޯދުމުގެ ބަދަލުގައި ޒާތީ ގޮތުން ދިމާކުރުމަށް ކަމަށެވެ. 

"ސިވިލް ސާވިސްގެ އުސޫލުތަކާއި ގާނޫނާ ހިލާފަށް މި ކަން ކޮށްފައި އޮވެއްޖެ ކަމަށްވާ ނަމަ އަޅުގަނޑަށް ހީވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅުއްވައިގެން ސިވިލް ސާވިސް ގެންނަވައިގެން ހައްލު ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ސިވިލްސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން އުޅޭކަމަށް އެމްޑީޕީން ތުހުމަތު ކުރާނަމަ އެކަން ބެލޭނެ ވަރުގެ މެޖޯރިޓީ އެއްވެސް އެމްޑީޕީގެ އޮންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަކީ މި މައްސަލަ ހައްލު ކުރުމުގައި އެމްޑީޕީގެ އިހްލާސްތެރިކަން ނެތްކަން އަންގައިދޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

ސިވިލްސާވިސް ކޮމިޝަނުން ބުނީ ސާޖިދާއާ ކޮންޓްރެކްޓު ހެދީ ހާއްސަ އުސޫލެއްގެ ދަށުން ނޫން ކަމަށެވެ. އަދި މި ފުރުސަތަކީ އެހެން މީހުންނަށް ވެސް ދެވޭ ފުރުސަތެއް ކަމަށް ވަނީ ބުނެފަ އެވެ. ސާޖިދާއަށް ފައިސާ ދެމުންދާނީ މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 75 ރުފިޔާ ލިބޭ އުސޫލުން ކަމަށް ވެ އެވެ.

ސާޖިދާވަނީ ދައުލަތުގެ ދެ މުސާރަ ނުނަންގަވާނެ ކަމަށާއި ހެލްތް މިނިސްޓްރީން ލިބޭ މުސާރަ ޑޮނޭޓު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސާޖިދާ ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާ ދާއިރާ އަކީ ފަންނުވެރިން މަދު ދާއިރާއެއްކަމަށެވެ. އެކަމަނާ ވިދާޅުވީ ދުވާލަކު ދެ ތިން ގަޑިއިރު އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވިޔަސް އިޖްތިމާއީ ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް