ads
ފިނޭންސް މިނިސްޓްރީ: - ފޮޓޯ:ރާއްޖެއެމްވީ
ހަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާ ކުރި ބައި އިއާދަ ކޮށްދެން އެދިއްޖެ
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާ ކުރި މާއްދާތައް އަލުން އިއާދަކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާ ކުރުމަށް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓްރީން އެދުނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ގުދުރަތީ ކާރިސާއެއް ކަމުގައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަން ފިލައިގޮސްފައި ނުވާތީ، މި އިސްތިސްނާގެ މުއްދަތު ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލިހުން ވަނީ އިތުރު ވެސް ކޮށްދީފަ އެވެ.

މިނިސްޓރީން ބުނި ގޮތުގައި އިގްތިސާދީ ހިސާބުތަކަށް ބަލާއިރު މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ވަނީ ކޮވިޑުގެ ކުރިން ހުރި މިންވަރު ފަހަނައަޅައި ގޮސްފައެވެ. އެގޮތުން އެ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ، 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށް ވުރެ އިތުރުވެފައި ކަމަށް ވެސް މިނިސްްރީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މިހާރު ނެތުމާއެކު، މި ފެށޭ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ ގެ އިސްތިސްނާ ނިމުމަކަށް ގެނެސް، އެ ގާނޫނަށް އަމަލުކުރުން ފުރިހަމައަށް އިއާދަކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ފިނޭޭންސް މިނިސްޓްރީން ހުށަހަޅާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް އިސްތިސްނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ގާނޫނު އެކީ އިއާދަކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ 'ހަފުތާ 14' މަގުޗާޓުގައި ހިމަނާފައިވާ މުހިއްމު ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް