ads
ރައީސް މުއިއްޒުގެ ވަޒީރުން
ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާއިން ނަގާ އަނެއްކާވެސް ކޮމެޓީއަށް
ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާތީ ވަޒީރުންނަށް ރުހުން ދޭން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި މައްސަލަ ނަގާ އަލުން ކޮމެޓީއަށް ފޮނުވާލައިފިއެވެ.

އައު ސަރުކާރުން އައްޔަންކުރި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިއަދުގެ ޖަލްސާ ފެށުމާއި އެކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ ސަރުކާރުން އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ރައްޔިތުންހެ މަޖިލީހަށް ހުށައަޅަންޖެހޭ އިރު ސަރުކާރަށް އެއް މަސް ދުވަސްވީއިރުވެސް އެ މައްސަލަ މަޖިލީހަށް ފޮނުވާފައި ނުވާކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގައި ނޭހޭނެކަމަށް ހިސާން ވިދާޅުވިއެވެ.

މި ނިޒާމީ ނުކުތާ ނެގުމުން އެ މައްސަލަ ބަލައިގަނެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްވަނީ ޖަލްސާ 5 މިނެޓަށް މެދުކަނޑާލާފައެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލިޑަރާއި މަޝްވަރާ ކުރުމަށްފަހު އަލުން ޖަލްސާ ފެއްޓެވުމަށްފަހު އަސްލަމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު އެޖެންޑާއިން އުނިކުރަން ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލަ އަލުން ކޮމެޓީއަށް ފޮނުވާލާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ރިޕޯޓް އަލުން ކޮމެޓީއަށް ފޮނުވާލަން ނިންމީ މަޖިލީހުގެ ގަވައިދާއި ހިލާފަށް އެ ރިޕޯޓް އެކުލަވާލާފައިވާތީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް މި ނިންމެވުމާއި އެކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަގާފައެވެ. ނިޒާމީ ނުކުތާ ނެންގެވި ސަރުކާރުގެ މެމްބަރުން ވިދާޅުވީ އެޖެންޑާއިން ކަމެއް މަޖިލީހުގެ ރިޔާސަތުން ބޭނުންވާއިރަށް އުނި ނުކުރެވޭނެކަމަށެވެ. އެކަން ކުރަން މަޖިލީހުގެ ޖަލްސާގައި ވޯޓަކަށް ދާންޖެހޭނެކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ. 

މި ވާހަކަތަކަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ އެޖެންޑާއިން އެއްވެސް ކަމެއް އުނިނުކުރާކަމަށާއި މަޖިލީހުގެ ގަވައިދާ ހިލާފު ރިޕޯޓެއް އޮތުމުން އެކަން ދިރާސާކުރުމަށް އަލުން ކޮމެޓީއަށް ފޮނުވީކަމަށެވެ. 

މިއަދަކީ މަޖލީހުގެ މި ދައުރުގެ އެންމެ ފަހު ދުވަހަށް ވުމުން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމަށް ނިންމާނެތޯ މިވަނީ ސުވާލު އުފެދިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެކަމާއި މެދު ގޮތެއް ނިންމާނީ މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައިކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް