އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނެއް ކަމަށް ބުނެ، މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވި ޕޯސްޓެއްގައި ވާގޮތުގައި 1 މާޗު 2024 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގައި ކިޔަވާކުދިން ހެދުން އަޅަން ވާނީ އާންމު އިޖުތިމާއޯ މިންގަނޑަށް ފެތޭ ގޮތަށް ހުންނަ ހެދުންތައް ކަމަށް ބުނެފައިވެއެވެ.
އެގޮތުން ހުރިހާ ސްކޫލެއްގެ އަންހެން ދަރިވަރުން ސްކޫލަށް ހާޒިވާން ވާނީ ހިޖާބުގައިކަމަށް ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުންގެ ޔުނިފޯމް ކޯޑަށް މިނިސްޓްރީއިން ބަދަލުތަކެއް ގެންނަން އުޅޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޮކިޔުމަންޓަކީ އެއްވެސް "އަސާސެއް ނެތް، ހަގީގަތާ ހިލާފު" ޑޮކިޔުމަންޓެއް ކަމަށެވެ.
ދަރިވަރުންނާ ގުޅުންހުރި މިފަދަ ހައްސާސީ ކަންކަމުގައި ދޮގު ވާހަކަ ފެތުރުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި "ވެލް-ބީންގ" އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މިނިސްޓްރީން ވަނީ، ހަގީގަތާ ހިލާފު، ދޮގު ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކޮށްފަ އެވެ.