ads
61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކު ހައްޔަރުކޮށްފި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކު އަތުލައިގެންފި އެވެ.
މިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އެންމެން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރައިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 

އެގޮތުން ނުވަ ދުވަހުގެ މި އޮޕަރޭޝަނުގައި 11 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރީ ކަނޑު އުޅަނދަކުންނެވެ. އަދި ބާކީ ތިބި ހަތަރު މީހުން ހައްޔަރުކުރީ، މާލެ އާއި ހުޅުމާލެއިން ކަމަށް ހަމީދު ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި 61.06 ކިލޯގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، ހީރޮއިން ވަނީ އަތުލައިގެންފަ އެވެ. އެގޮތުން މިތަކެތީގެ އަގު އުޅެނީ ގާތްގަނޑަކަށް 72 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަހަކަށް އައިސް ފުލުހުން އަންނަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ވަނަވަރު ވެސް އާންމުކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވެސް ވަނީ ޖެނުއަރީ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރި ނުވަ މީހެއްގެ ވަނަވަރު އާންމުކޮށްފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް