ads
ޕާކިސްތާންގެ ޕްރައިމް މިނިސްޓަރު އިމްރާން ޚާން
ޕާކިސްތާން ހިންގުމަކީ ކްރިކެޓް މުބާރާތެއްގައި ކުޅުމަށް ވުރެން އުނދަގޫކަމެއް!
ކްރިކެޓް ކުޅުންތެރިއަކު ސަރުކާރު ހިންގަން ހަވާލުވިއަސް ދަނޑުމަތީގައި އޭނާ ގެންގުޅުނު ބައެއް އާދަތައް ދޫކޮށްލަން އޭނާއަށް އުނދަގޫ ވެދާނެއެވެ. ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ހާލުވެސް ހަމަ މިފަދައެވެ. ފާޑުކިޔާ މީހުން ދެކޭ ގޮތުގައި އޭނާއަށް ހީވެ ވަޑައިގަންނަވަނީ އަދިވެސް ދަނޑުމަތީގައި އުޅެވޭހެންނެވެ.

ބެޓްސްމަންއެއްގެ ގޮތުގައި އޭނާ އުޅުއްވީ ދެ ވިކެޓް ދޭތެރޭ ދުވުމުގައެވެ. ބޯޅަ އުކުންތެރިއެއްގެ ގޮތުގައި ދެ ފަރާތު ވިކެޓުން ކުރެ ކޮންމެ ފަރާތަކުންވެސް އޭނާއަށް ބޯޅަ އުކެއެވެ. އިމްރާން ޚާން ސަރުކާރު ހިންގަން އުޅުއްވަނީވެސް ހަމަ މިފަދައިންނެވެ. ކޮންމެ ކޮޅެއްވެސް އޭނާއަށް ވަރިހަމައެވެ. އެހެންވެ، އޭނާގެ ބައެއް ނިންމުންތައް ބާތިލުކޮށް އަނެއް ބައި ނިންމުންތައް އަލުން މުރާޖައާކޮށް ހެދުމުން ފާޑުކިޔުންތެރިން ބުނަނީ ހަމަ ދަނޑުމަތީގައި ދެކޮޅުން ބޯޅަ އުއްކަވައި އުޅުއްވި ގޮތް އަދިވެސް ޚާން ޕްރެކްޓިސް ކުރައްވަނީ ކަމުގައެވެ. 

ޚާންގެ އިކޮނޮމިކް އެޑްވައިޒަރެއްގެ މަގާމަށް ޑރ. އާތިޤް މިޔާ ހަމަޖެއްސެވިއެވެ. އޭނާއަކީ އަހްމަދީ ގާދިޔާނީ މުސްލިމެއްކަން ކުއްލިއަކަށް ޚާންއަށް އެނގިވަޑައިގަތުމުން އޭނާ މަގާމުން ދުރުކޮށްލެއްވީއެވެ. އަހްމަދީންނަކީ ޕާކިސްތާންގައި މުސްލިމުން ކަމުގައި ބަލާ ބައެއް ނޫނެވެ. 

ޚާންގެ މިފަދަ ކަންކަން ގިނަވުމުން، އަމިއްލަ ދިފާއުގައި ޚާންއަށް ވާހަކަ ދައްކަވަން މަޖުބޫރުވިއެވެ. ޚާން ވިދާޅުވާ ގޮތުގައި ގައުމީ މަސްލަހަތަށްޓަކައި ބައެއް ފަހަރަށް އަމިއްލަ ނިންމުންތައް މުރާޖައާ ނުކުރާ ލީޑަރަކީ ލީޑަރެއް ނޫނެވެ. މިވާހަކަ މަޖާވި މީހަކު ނުފެނެއެވެ. އަދި ޚާންގެ މިފަދަ މުރާޖައާ ކުރުންތަކުން ޕާކިސްތާނަށް ވީފައިދާއެއްވެސް ފެންނާކަށެއް ނެތެވެ. 

ވިހި މަސްދުވަސްވަންދެން ވެރިކަމުގައި ހުންނެވުމަށްފަހު ޚާންގެ ކާމިޔާބީތައްވެސް ބަލާލަން ޖެހެއެވެ. އޭނާ ކޮރަޕްޝަންއާ ބެހޭ ގޮތުން ވާހަކަ ދައްކަވައެވެ. އަދި ދެކޮޅުވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އަވަސްވެގަންނަވައެވެ. ގާތް މީހުންގެ ކޮރަޕްޝަނަށް ފަސް އަޅުއްވައެވެ. ފާޑު ކިޔާ މީޑިއާއަށް ނޭވާލާން ދަތިވާ މިންވަރަށް ގަވާއިދުތައް ހަރުކަށި ކުރައްވައެވެ. ހުރިހައި ދިމާއަކުންވެސް އޭނާގެ ސަރުކާރާ ދެކޮޅަށް ނުބައި ރޭވުންތައް އޭނާއަށް ފެނިވަޑައިގަންނައެވެ. އިދިކޮޅު މީހުންގެ އަނގަ ބަންދުކޮށްލަން މަސައްކަތް ކުރައްވައެވެ. 

ޚާން ވަނީ އޭނާގެ މަންމަގެ ހަނދާނުގައި ކެންސަރުގެ ހަސްފަތާލެއް ބިނާކުރައްވާފައެވެ. މި ހަސްފަތާލު ހެދުމަށް ފައިސާ ހޯއްދެވުމަށް އޭނާ ކުރެއްވި މަސައްކަތުން ފަންޑް ހޯދުމަށް ރަނގަޅު ތަޖުރިބާއެއް ލިބިވަޑައިގަތެވެ. ފާޑުކިޔާ މީހުން ދެކެނީ ޚާންއަކީ ފަންޑް ހޯއްދެވުމުގައި ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށެވެ. ނަމަވެސް ޕާކިސްތާންގެ ދަރަނި ދެއްކުމުގައި އެހާ ކުޅަދާނަކަމެއް އޭނާގެ ކިބައިން ފެންނާން ނެތްކަމަށެވެ. 

އަހަރެއްގެ ތެރޭގައި ޚާން ވަނީ 16 ބިލިއަން ޑޮލަރު ޕާކިސްތާނަށް ދަރަނީގެ ގޮތުގައި ހޯއްދަވައި ދުވަހަކުވެސް ޕާކިސްތާން ދަރަނިވެރި ނުވާ މިންވަރަށް ދަރަނިވެރި ކޮށްދެއްވާފައެވެ. މިއީ ޕާކިސްތާންގެ ތާރީހުގައިވެސް މިގޮތަށް ހިނގައިދިޔަ ފުރަތަމަ ފަހަރެވެ. ބެއިޖިންއަށް އޭނާ މިދިޔަ އަހަރު ކުރެއްވި ދަތުރާ ދިމާކޮށް، ނޫސްވެރިން ސިފަ ކުރި ގޮތުގައި ޚާނަކީ، ސަލާންޖަހަން ކުޅަދާނަ ޓީމް ކެޕްޓަނެކެވެ. 

ކެޕްޓަން ޚާންއަކީ ސަރުކާރު ހިންގުމުގެ މައިދާނުގައި އެހާ ރަނގަޅު ކެޕްޓަނެއްކަމަކަށް މީހުނެއް ނުދެއެކެވެ. ކެޕްޓަނަކީ ދަނޑުމަތީގައި ގަދަޔަށް ދާހިއްލައިގެން ޓީމުގެ ހިތްވަރަށް މަސައްކަތް ކުރަން ޖެހޭ މީހެކެވެ. ބޮޑު ވަޒީރުކަމުގައި ޚާން ހޭފުޅު ލައްވަވަނީ ލަހުންނެވެ. އޮފީހަށް ވަޑައިގަންނަވަނީ މެންދުރުގެ ވަގުތުގައެވެ. އޮފީހުން އެނބުރި ވަޑައިގަންނަވަނީ ހަވީރުގެ ސައިފޮދަށް ފަހުއެވެ. ބުއްޓޫމެންނާއި ޝަރީފްއާއި މުޝައްރަފްގެ ފަރާތްތަކުން ފެނިގެންދިޔަ މުރާލިކަމާއި ހަރަކާތްތެރިކަމެއް ޚާންގެ ފަރާތުން ނުފެންނާތީ މީހުން ސުވާލުކުރެއެވެ. 

ޚާންގެ ބައްދަލުވުންތައް ސިފަކޮށްދެމުން ޑޯން ނޫހުގައި 20 ފެބްރުއަރީ 2020ގައި ފަހުދު ހުސައިން ލިޔުނެވެ. 

"ކަންކަން ނުނިންމޭ ދިގު ބައްދަލުވުންތަކެކެވެ. ނިންމާ މަދުކަމެއްވެސް ލިޔެފައެއް ނުހުރެއެވެ. އެހެންވެ ރެކޯޑަށްޓަކައި ހަނދާނެއްވެސް ނުހުރެއެވެ. ކަންކަމުގެ ފޮލޯއަޕެއްވެސް ނުބެލެހެއްޓެއެވެ. ބޮޑު ވަޒީރުގެ އަގުހުރި ވަގުތުން މަސްއޫލުވެރިންނަށް ދެއްވާ އެޕޮއިންޓްމެންޓްތަކުގެ އަގެއް ނުހުރެއެވެ. ހުސްވާހަކައެވެ. އަދި ބޮޑު ވަޒީރަށް އިއްވާ ޚުލާސާތަކާއި ދަންނަވާ ވާހަކަތައް ބޮލަކަށް ނަގައެއް ނުގަނެވެއެވެ. މިހުރިހައި ކަމަކީ ބޮޑު ވަޒީރު އޮފީހުގެ މަސައްކަތުގެ އާދަކާދަތައް މިހާރު އޮންނަ ގޮތެވެ."

ޚާންގެ ޕާޓީ މީހުންނަށް އޭނާ ވަނީ އެމީހުންގެ ކައްޕިތާނެވެ. އެހެންވެ، އޭނާގެ ދިފާއުގައި ޕާޓީ މީހުން ބުނަނީ ޚާންއަކީ، ޕޮލިސީ މީހެއް ނޫންކަމުގައެވެ. އޭނާއަކީ ނަތީޖާ ހިޔާލަށް ގެންނަން ބޭނުންވާ ބޮޑު މަންޒަރު ދެކެން ބޭނުންފުޅުވާ ބޭފުޅެއް ކަމުގައެވެ. ކޮންމެ ސިފައަކުން ޚާން ސިފަކުރިކަމުގައިވިއަސް ހަގީގަތް ވާނީ ހަގީގަތަށެވެ. މިފަދަ ވެރިޔަކަށް ސަރުކާރެއްގެ މަސައްކަތް ރާވަމުން، އެތައް މިލިއަން މީހުންގެ އާބާދީއެއްގެ ކަންކަން ހަމަޖައްސަމުން ބިލިއަން ރުޕީސްގެ އިގްތިސާދެއް ނަގައި ކޮއްޅަށް ޖެއްސޭނީ ކިހިނެއް ބާވައެވެ؟

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް