ads
އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ނައިބު ރައީސް ތައުރީފުކުރައްވައިފި
އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ތައުރީފުކުރައްވައިފި އެވެ.

ނައިބު ރައީސް އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ތައުރީފުކުރައްވާފައި ވަނީ މިއަދު އެ މިނިސްޓްރީއަށް ޒިޔާރަތްކުރައްވައި އެ މިނިސްޓްރީގެ ވެރިންނާ އަދި މުވައްޒަފުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ނައިބު ރައީސް އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތްކުރެއްވުމުން އެ މިނިސްޓްރީން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވަން ތިއްބެވި ފަރާތްތަކުންވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ދާއިރާއިން މުހިންމު ބަދަލުތަކެއް ގެނެސްދެއްވާފައިވާތީ ނައިބު ރައީސް ވަނީ އެކަމަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތް ކުރިއަށް ގެންދެވުމަށް ހިތްވަރުދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ވޭތުވެދިޔަ ހަތަރު ހަފުތާގައި އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ކުރު ތަފުސީލެއް ނައިބު ރައީސަށް އަރުވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާވެސް ނައިބު ރައީސް ވަކިން ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ. އެ މިނިސްޓްރީން ނައިބު ރައީސަށް "ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރު" ފޮތެއް ހަދިޔާކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް