ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ސަމާލުވާންޖެހޭ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އަނިޔާވެރިވާނެ ކަމަށް ސިފަކުރައްވައި ފައްޔާޒު ވިދާޅުވީ މިވަގުތު އެކަމަށް އޮތް ހުރަކީ ސަރުކާރަށް "ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތުން" ކަމަށެވެ.
ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކުރި އިރު ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި އޭރު މިނިސްޓަރު ފައްޔާޒަށާއި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ވެބްސައިޓެއް އޭރު ހިންގި އެވެ. ނަމަވެސް އެ ވެބްސައިޓް ބްލޮކް ކޮށްފައެއް ނުވެ އެވެ.
ދެ ވެން ސައިޓް ބްލޮކް ކުރުމުން ފައްޔާޒުގެ އިތުރުން ވެސް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން އަދި އާންމުންގެ ގިނަ ފަރާތްތަކަކާއި ނޫސްވެރިން އަންނަނީ މިކަމާ ގުޅިގެން ސޯޝަލް މީީޑިއާގައި ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ދެ ވެބްސައިޓަކީ ރެޖިސްޓާ ކޮށްގެން ހިންގާ ނޫހެއް ނޫނެވެ. އެހެން ނަމަވެސް ރަޖިސްޓާ ނުކޮށް ވެސް ނޫސްތަކާއި މަޖައްލާތައް ހިންގުމުގެ ފުރުސަތު މީޑިއާ ކައުންސިލްގެ ގާނޫނު އިން ދީފައިވެ އެވެ. "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް މިވަގުުތު ނުވަދެވޭއިރު ވީޕީއެން ބޭނުންކޮށްގެން ވަދެވެ އެވެ.
ވެބްސައިޓުތައް ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.