ads
ޔުނިޓު 10 ގެ ގައިދީން ހުއްޓާލީ ޖަލުކޮއްތު، ފިހާރަކޮއްތު ކައި
މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެ ގައިދީން ހުއްޓާލީ ޖަލުކޮއްތު ކަމަށާއި ފިހާރަކޮއްތުގެ ބޭނުން ހިފަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
Advertisement

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން ނެރުނު ބަޔާނެެއްގައި ބުނެފައި ވަނީ ގައިދީންގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި މި ހަޅުތާލު ފެށިފައި ވަނީ މާފުށި ޖަލު ޔުނިޓް 10 ގެ ފަސް ގައިދީއަކާ މެދު ކަރެކްޝަންސްއިން ގެންގުޅެމުންދާ ތަފާތުކުރުންތަކެއްގެ ސަބަބުންނެވެ. 

އަދި އުސޫލުތަކެއްގެ ދަށުން އެހެން ގައިދީން ގޮޅިން ބޭރަށް ނެރޭ ގޮތަށް، މި ގައިދީންނަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ގޮޅިން ބޭރަށް ނުނެރުމާ އަދި އުސޫލުތަކާއި ހިލާފަށް އެކަހެރި ވަކިވަކި ގޮޅިތަކެއްގައި މި ގައިދީން ދިގު މުއްދަތަކަށް ބަންދުކޮށްފައި ބައިތިއްބާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން ޖުވެނައިލް ޑިޓެންޝަނުގައި ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވާ ކުއްޖަކު ވެސް މިފަދައިން އެކަހެރިކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ނެރުނު ބަޔާނާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަންސްގެ މީޑިއާ އޮފިސަރު "ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ޖަމިއްޔާގެ ބަޔާނުގައި ފަސް ގައިދީއަކު ކެއުން ހުއްޓާލައި ހަޅުތާލު ކުރަމުން އަންނަ ކަމަށް އެ މުއައްސަސާ އާ ހަވާލާދީ ބުނެފައިވީ ނަމަވެސް އެ މައުލޫމާތު އެ ގޮތަށް އެ ފަރާތުން ހިއްސާ ނުކުރާ ކަމަށެވެ. އެ ޖަމިއްޔާއަށް ކަރެކްޝަނުން މައުލޫމާތު ދީފައި ވާނީ ޔުނިޓް 10 ގައި ތިބި ފަސް ގައިދީން ޖަލުން ދޭ ކާއެއްޗެހި ކެއުން ހުއްޓާލާލި ނަމަވެސް ވިޔަފާރި އުސޫލުން ގައިދީންނަށް އެއްޗެހި ގަންނަން ލިބޭ ފުރުސަތުގެ ތެރެއިން އެކި ބާވަތުގެ ކާނާ ގަނެގެން ބޭނުން ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެ އެވެ. މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި ޑިޓެއިނީ ވޮޗުން ނެރުނު ބަޔާނުގައި އެ ކަން ހިމަނާފައި ނުވާތީ އެ ޖަމިއްޔާގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމުގަ އެވެ.

ޔުނިޓް 10 ގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ކަރެކްޝަނުން ބަލާނެ ކަމަށާއި އެ ކަންކަން ހައްލު ކުރުމުގެ މަސައްކަތް އެ ސާވިސްއިން ކުރާނެ ކަމަށް ވެސް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް