ads
ބަންކަރިން ހިދުމަތް
ބަންކަރިންގެ ހިދުމަތް: 11,500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިފި
ބަންކަރިންގެ ހިދުމަތުން މިހާތަނަށް 11,500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
Advertisement

ރޭ ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ރާއްޖެ އައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް ވެސް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށާއި ހަމައެކަނި އެ ކްރޫޒްލައިނާއަށް ވެސް 1,200 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފައިވާ ކަމަށެވެ.

މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19 ގައެވެ. ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. ޝިމާދު ވިދާޅުވި ގޮތުގައި މިހާތަނަށް އެ މަޝްރޫއު ކާމިޔާބެވެ. އަދި އެނގިގެންދަނީ ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާސްތަކުގެ އިތުބާރު ލިބިފައިވާކަމެވެ. ނަމަވެސް، އަދިވެސް އެ ހިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ނުވަތަ ބަދަލުތަކެއް ގެންނަންޖެހޭ ކަންތައްތައް އެބަހުރި ކަމަށް ޝިމާދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ. ނޮވެންބަރު 13 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބަންކަރިން ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ މުއްދަތުގައި ލިބުނުކަމަށް ވިދާޅުވެފައެވެ. ރާއްޖެއިން މި ހިދުމަތް ފެށީ، މަޑުމަޑުން މި ހިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ބަންކަރިންނަށް ހާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް