
ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނި ކާޑެއްދޫ އެއާޕޯޓްގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއިއެކު، ވަނީ ހުވަނި ކޮންޓުރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.
މިނިސްޓްރީން ބުނީ އެއާޕޯޓްގައި ހުވަނީގެ އުނދަގޫ ބޮޑުވިކަން އެ އެއާޕޯޓުން އަންގާފައި ނުވާކަމަށެވެ. އަދި އެކަން އެނގުނީ ސޯޝަލް މީޑިއާއިންކަމަށް މިނިސްޓްރީން ބުނެއެވެ.
މި މައްސަލަ ސަމާލުކަމަށް އައުމާއިއެކު ކަމާއިގުޅުންހުރި އިދާރާއިން ވަނީ އެ އެއާޕޯޓަށް ގުޅާ، އެތަނުގައި މީގެކުރިން އެކޮޅުން އަމަލުކުރައްވާފައިވާ ގޮތް ބަލާފައިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އިތުރަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުގެ މައުލޫމާތު ދިންކަމަށާއި ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސް އެ އެއާޕޯޓަށް މެއިލްކުރިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށު ކައުންސިލްގެ ޒިންމާއެއް ނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެމުން އަންނަކަމަށް ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ އެރަށެއްގެ މެނޭޖްކުރައްވާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމުކަމަށާއި މިފަދަ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.