ads
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުކުރި ކޮމިޓީ ކެންސަލް
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާ ގުޅިގެން ބާއްވަން ތާވަލުކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުން ކެންސަލްކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާ ގުޅިގެން އެ ކޮމިޓީން މިއަދު 09:00 ގައި ބައްދަލުވުމެއް ބާއްވަން ނިންމި ނަމަވެސް، މަޖިލިހުގެ އިދާރާއިން މިއަދު ހެނދުނު މީޑިއާތަކަށް އަންގާފައި ވަނީ އެ ބައްދަލުވުން ކެންސަލްވެފައިވާ ކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، މުހައްމަދު ފަލާހު ވިދާޅުވެފައި ވަނީ ކޮމެޓީގެ ބައްދަލުވުން މިއަދު ބާއްވަން ނިންމާފައި ވަނީ އެ ކޮމިޓީގައި ތިއްބަވާ ތިން މެންބަރުންގެ ތެރެއިން ޕީއެންސީގެ އިބްރާހިމް ނަސީމާއި ޕީޕީއެމްގެ އަހުމަދު ތޯރިގާއި މިހާރު އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒް ހުށަހެޅުއްވުމުން ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން އެއް މެމްބަރަކު ކޮމެޓީއަށް ވަޑައިނުގަންނަވާތީ ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވެފައި ވަނީ ކޮމެޓީ ބައްދަލުވުން ފަށަން ހަތަރު މެމްބަރުން ތިއްބަވަން ޖެހޭއިރު، މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ތިން މެމްބަރުން ކަމަށެވެ. އެ ކޮމެޓީގައި ވޯޓު ނެގުމަށް ހަ މެމްބަރުންގެ ކޯރަމެއް ބޭނުންވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރިޕޯޓު ފާސްކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ނިންމާ އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް މަޖިލިހުގެ ތަޅުމުން ފޮނުވާފައި މިދިޔަ ހޯމަ ދުވަހު އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް ރިއާޔަތްކޮށް، މަޖިލިހުގެ ރިޔާސަތުން ކޮމެޓީން ފޮނުވި ރިޕޯޓު ގަވާއިދާ ހިލާފު ކަމަށް ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ސަރުކާރުން ހުށަހަޅާފައި ނުވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް