ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފަކު، މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސްއަށް ފޯމު ހުށަހަޅާ ދުވަހުން ފެށިގެން، އެ މުވައްޒަފަކު ވަޒީފާއިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. އަދި އެ މަގާމުން ވަކިނުވެއްޖެ ނަމަ، ސީއެސްސީން އެ މީހަކު ވަކިކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހާއި ރިޔާސީ އިންތިހާބު ބަލަނީ އާންމު އިންތިހާބުގެ ގޮތުގަ އެވެ. އެހެންވެ، އެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ މެދު އަމަލުކުރާ ގޮތް ތަފާތެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ބުނަނީ، އާންމު އިންތިހާބެއްގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފަކު، އެ އިންތިހާބެއް ބާއްވާ ތާރީހުގެ ހަ މަސް ދުވަސް ކުރިން އެ ވަޒީފާއިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. ދެހާސް ނުވަ ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓަކު އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ، އެއީ އިންތިހާބުތަކުގެ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާ ތައާރަޒުވާ ކަމެއް ކަމަށް ވާތީ އެ މާއްދާ ގާނޫނުއަސާސީ އާ ހިލާފު ކަމަށް ކަނޑައަޅައިފަ އެވެ.
ހައިކޯޓުން 2012 ވަނަ އަހަރު ކުރި އެ ހުކުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސިވިލް ސާވިސްގެ ގަވައިދުވެސް އިސްލާހުކޮށްފަ އެވެ. އޭގައިވާ ގޮތުން، މަގާމުން ވަކިވާން ޖެހޭނީ ފޯމު ބަލައިގަންނަ ދުވަހުން ފެށިގެންނެވެ.
މިހާރު އޮންނަ ގޮތުން ސިވިލް ސާވިސް މުވައްޒަފަކު މަޖިލިސް އިންތިހާބުގައި ވާދަކޮށް، ނާކާމިޔާބުވާ ހާލަތުގައި ކުރިން ހުރި ވަޒީފާ އޮޓަމެޓިކުން ނުލިބޭނެ އެވެ. އެކަމަކު، ކައުންސިލް އިންތިހާބުގައި ވާދަކުރާ ނަމަ އުސޫލު ތަފާތުވެ އެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސްއަށް ފޯމު ހުށަހަޅައި، އެ ފޯމު ބަލައިގަންނަ ދުވަހުން ފެށިގެން އެ މީހަކު ހުންނާނީ ސަސްޕެންޝަނުގަ އެވެ. އަދި އިންތިހާބުން ބަލިވެއްޖެ ނަމަ، ދާއިމީ ނަތީޖާ އިއުލާންކުރުމުން ވަޒީފާއަށް ވަނުމުގެ ހުއްދަ ދޭނެ އެވެ.