ads
ޕޮލިސް ކޮމިޝަނަރަކަށް އަލީ ޝުޖާއު އައްޔަނުކުރައްވައިފި
ޕޮލިސް ކޮމިޝަނަރަކަށް އަލީ ޝުޖާއު މިއަދު އައްޔަންކުރައްވައިފި އެވެ.

މިހާތަނަށް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އެވެ.

ދެހާސް ހަ ވަނަ އަހަރު ޕޮލިހާ ގުޅި ވަޑައިގަތުގެ ކުރިން ޝުޖާއު ހުންނެވީ މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމުގަ އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަދާ ކުރެއްވީ މާލޭ އޭރިއާގެ ކޮމާންޑާރުގެ މަގާމެވެ. 

ޝުޖާއަށް ޕޮލިސް ކޮމިޝަނަރުގެ މަގާމް ލިބިވަޑައިގެންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ އެކު ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވުމުންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވުމުން އެ މަގާމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝުޖާއުގެ އިތުރުން  އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ވެސް އެމަގާމަށް ކުރިމަތިލެއްވި އެވެ. ފުލުހުންގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެވެނީ ޕޮލިސް ބޯޑުގެ ލަފާގެ މަތިންނެވެ.

އޭނާއަކީ ފުލުހުންނަށް ޒަމާނީ ތަމްރީނުތަކާއި މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ފުލުހުންގެ ތަމްރީނުތައް އެމްކިއުގެ މިންގަނޑަށް ފައްތައިގެން ހިންގުމާއި ފުލުހުންގެ އިދާރާގައި ޑިގްރީ ޕްރޮގްރާމެއް ތައާރަފު ކުރުމުގައި ވެސް އިސް ދައުރެއް ޝުޖާއު އަދާކުރެއްވި އެވެ. އޭނާ އިސްވެ ތައާރަފުކުރި، ލޯ އެންފޯސްމަންޓަށް ހާއްސަ ޑިގްރީ ޕްރޮގްމާގެ ތިން ބެޗު މިހާތަނަށް ވަނީ ނިންމައިފަ އެވެ.

ޝުޖާއު ވަނީ ޕޮލިސް އެކަޑެމީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ހިންގުމުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުޑަކުދިން ގޭންގުތަކުގައި ބައިވެރިވާތީ އެކަން ހުއްޓުވުމަށް ވެސް އިސްކޮށް މަސައްކަތްތަކެއް ކުރެއްވި އެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތުގައި 18 އަހަރު ވިޔަސް ސަރުކާރަށް މަސައްކަތް ކުރައްވާތާ 25 އަހަރު ވެއްޖެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް