ads
ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭވި އިސް މީހާގެ މައްސަލަ ހައިކޯޓަށް
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
Advertisement

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި، އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހަފްތާގައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ ހއ.ހޯރަފުށީ އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ. އެ ހާދިސާއަށް ފަހު އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ އައްޑޫ ސިޓީން ނެވެ.

ތަސްލީމަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އެތިކް އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑްގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މީހެއްކަމަށާއި އެ މައްސަލަ ތަހްޤީގުކޮށް ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ މީހެކެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވީ މިމައްސަލައިގައި ބައިވެރިވާ މީހުން ޤަބޫލުކުރާ ކުރުންތަކުގެ މައްޗަށް ރައީސް ނަޝީދު އަވަހަރާކޮށްލަންޖެހޭ ކަމަށް ނިންމާ އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ފަށާފައިވާ ކަމަށެވެ. 

6 މެއިގެ ހަމަލާ ދިނުމަށް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީގޮތުން މި މީހުން މަސައްކަތް ފަށާފައިވާ ކަމަށް ތަޙްޤީގަށް ހޯދިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. އަދި ތަޙްޤީގަށް ހޯދިފައިވާގޮތުން މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން މިގޮތަށް ރޭވި މިފަދަ ތިންވަނަ ހަމަލާކަމަށްވެސް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް