ads
މަރަދޫ ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިފައި
މަރަދޫ ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ސ. މަރަދޫ ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެ އެވެ.

ބަނބުކެޔޮ ގަހެއް ވެއްޓިފައިވަނީ މަރަދޫ "ފަޒާ" ނަމަކަށް ކިޔާ ގެއެއްގެ ފުރާޅު މައްޗަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 8:44 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ސ.ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނާއި ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތް ކުރާ ސިފައިންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، ވެއްޓުނު ބަނބުކެޔޮ ގަސް ކަނޑައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީެފުން ބުނެފައިވެއެވެ.

މީގެއިތުރުން ގަސް ވެއްޓުނީ މީހުން ދިރިއުޅޭ ގެއެއްގެ ފުރާޅު މައްޗަށް ކަމުގައި ވީނަމަވެސް، އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ އިރުވައި މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވެރިރަށް މާލެއާއި އަތޮޅުގެރޭގެ ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ބޯކޮށް ވިލާ ދައްކަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ބޯކޮށް ވިއްސާރަ ކުރާނީ މި ސަރަހައްދުތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށްވެސް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ވިއްސާރަ ދެން ދާނީ އަލިވާން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ވިއްސާރަ އަލިވާނެ ކަމަށް އެއިދާރާއިންވަނީ ލަފާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް