ads
މިދިޔަ ފަސް އަހަރު މާލެ ސަރަހައްދަށް 42،000 އަށްވުރެ ގިނަ އުޅަނދު އިތުރުވި
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަހައްދުން އެކަނި ވެސް 42،000 އަށްވރެ ގިނަ ދުއްވާ އުޅަނދު ރަޖިސްޓަރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 69،780 ދުއްވާ އުޅަނދު ރަޖިސްޓަރީ ކުރެވިފައިވާ ކަމަށެވެ. އޭގެތެރެއިން ފަސް 42،000 އަށް ވުރި ގިނަ އުޅަނދަކީ މާލެ ސަރަހައްދަށް ރަޖިސްޓަރީ ކޮށްދީފައިވާ އުޅަނދުތައް ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މިއީ އަޅުގަނޑަށް ހީވަނީ ހަމަ އާދަޔާހިލާފު ބޮޑު އަދަދެއްހެން، މީގެ ތެރެއިން 42،000 އަށްވުރެ ގިނަ އަދަދަކީ މާލޭ ސަރަހައްދަށް ރަޖިސްޓްރީވެފައި ހުރި އަދަދު" ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މާލެ ސަރަހައްދަކީ ވަރަށް ޓްރެފިކް ބާރުބޮޑު ސަރަހައްދެއްކަމުން، މިގޮތަށް މާލޭ ސަރަހައްދަށް އުޅަނދު އިތުރުވަމުންދާނަމަ މާލޭގެ ޓުރެފިކް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް ކަމަށާއި، ގާނޫނީ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރާނަމަ، މިހާ ބޮޑަށް އުޅަނދުފަހަރު އިތުރުނުވާނެ ކަމަށެވެ.

މީގެއިތުރުން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ތަސައްވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެ މިނިސްޓްރީގައި ހުރި މައްސަލަތައް ހޯދައި ހައްލު ކުރުމަށްޓަކައި އެކަމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައި ވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގަރާޖު ސިޓީ ނެތަސް 10،000 ރުފިޔާގެ ފީއަކާއެކު ޓެކްސީ ކާރު ރެޖިސްޓްރީ ކުރުމަށް މިދިޔަ އަހަރު ކުރީ ސަރުކާރުން އެކުލަވާލި ގަވާއިދަށް އަމަލުކުރުން ވެސް މިއަދު ވަނީ ނިންމާފަ އެވެ.

"ގާނޫނުގެ ތެރެއިން ކަންކަން ކޮށްފި ނަމަ އެ އަދަދަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ. އެހެންވެ، މި ވަގުތަށް ގާނޫނަށް ބަދަލެއް ނުގެނެސް ވެސް މިނިސްޓްރީ އަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތުތަކުގައި ރަޖިސްޓްރީ ކޮށްދިނުން މަޑުޖައްސައިލުމުން ބަދަލު ފެންނޭ،" -މިނިސްޓަރު- 

މިނިސްޓަރު ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަތައް ހައްލު ކޮށްފައިވާ ސިންގަޕޫރާއި ދުބާއީ ފަދަ ގައުމަކުން ތަޖުރިބާކާރުން ރާއްޖެ ގެނެސް ދިނުމަށް ވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ދަންނަވާފައިވާ ކަމަށެވެ.

ވެހިކަލް ރެޖިސްޓްރީ ކުރުމުގެ މައްސަލަ ގޯސްކޮށް ދާކަމަށް ބަލައި، ރެޖިސްޓްރީ ކުރުމުގެ ކަންކަން ހުއްޓުވާލި އެވެ. އަދި ގިނަ އަދަދެއްގެ ގަރާޖު ސިޓީގެ މައްސަލަ އޭސީސީން ވެސް ބަލަން ފެށި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް