ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިހެން ވިދާޅުވެފައިވަނީ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ޕީއެންސީގެ އޮފީސް ދިވެހީންގެ ރާއްޖެ މައި ޖަގަހަގައި ބޭއްވި ޖަލްސާގައި އެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ އާޒިމާ ޝަކޫރަކީ ރާއްޖެއަށް ގުނާ އަދަދު ނުކުރެވޭ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ހިދުމަތްތެރިއެއް ކަމަށެވެ
އެގޮތުން ޖީއެމްއާރު އަނބުރާ ދިވެހިންނަށް ހޯދައި ދިނުމުގައި ގާނޫނީ ގޮތުން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގެ އެންމެ ވަރުގަދަ މަސައްކަތްޕުޅުތަކެއް ކުރެއްވީ ވެސް އާޒިމާ ޝަކޫރު ކަމަށެވެ.
އަދި ޖީއެމްއާރު މައްސަލައިގައި ސިންގަޕޫރުގެ ކޯޓަށް ވަޑައިގެން ބައިނަލްއަގުވާމީ މައިދާނުގައި އާޒިމާ ވަނީ ރާއްޖެއަށް ކާމިޔާބު ހޯއްދަވާ ދެއްވާފައި ކަމަށެވެ.
މީގެއިތުރުން ޗާގޮސް މައްސަލައިގައިވެސް އެއީ ކިހާބޮޑު ނުރައްކަލެއް އޮތް ކަމެއްކަން ދިވެހިންނަށް ހާމަކޮށްދެއްވި އެންމެ އިސް އެއް ފަރާތަކީ އާޒިމާ ކަމަށެވެ.
ހަލީލް ވިދާޅުވީ އާޒިމާ އަށް ވޯޓުދޭން ޖެހޭ ކަންތައްތަކާއި މެދު ސުވާލެއް ނެތް ކަމަށައި މާލޭ މޭޔަރުކަމުގެ ގޮނޑި އާޒިމާއަށް ކާމިޔާބު ކުރެވިއްޖެނަމަ، އެކަމަނާ ކުރައްވާނެ މިކަހަލަ އެތައް ހިދުމަތެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.
އާޒިމާގެ މެނިސްޓޯ ލޯންޗު ކުރުމަށް ހާއްސަކޮށް ރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ވޯޓް ދެއްވަވާ ހޮއްވަވައިފިނަމަ ތަފާތު ދައްކަވާނެ ކަމަށެވެ.
އަދި ވިދާޅުވީ އިންތިހާބަށް ނިކުންނަވާ ހުންނެވީ ވަރަށް ބޮޑު ޔަގީންކަމަކާ އުންމީދެއް ގައި ކަމަށެވެ. އެކަމަނާގެ މެނިފެސްޓޯ ގައި ހިމަނުއްވާފައިވާ ކަންކަން ހާސިލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ އިތުބާރާ ޔަގީންކަން އޮތް ސަބަބު ވެސް ވިދާޅުވެ ދެއްވި އެވެ.
އާޒިމާ ވިދާޅވީ މޭޔަރުގެ ރޭހުގައި ގިނަ ކެންޑިޑޭޓުން ތިއްބެވިއިރު ހަމައެކަނި އަންހެންނަކީ އެކަމަނާ ކަމަށެވެ. އިންތިހާބު ތަކުގައި އަންހެނުންނަށް އޮތީ ފަސޭހަ ރާސްތާ އެއް ނޫން ކަން ފާހަގަ ކުރައްވާ މިއީ އެކަން ބަދަލު ކުރުމަށް ލިބޭ ފުރުސަތެއް ކަަމަށް ވިދާޅުވި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި އާޒިމާގެ އިތުރުން ދެން މޭޔަރުކަމަށް ވާދަ ކުރައްވަނީ ޝުއެއިބް އަލީ (އަމިއްލަ ގޮތުން)، ހުސެއިން ވަހީދު (އަމިއްލަ ގޮތުން)، އާދަމް އާޒިމް (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) އަދި މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް) އެވެ.