ads
ޗައިނާގެ ފަރާތުން 130 މިލިއަން ޑޮލަރު ހިލޭ އެހީ ރާއްޖެއަށް ލިބޭނެ: ރައީސް މުއިއްޒު
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ މި ހިލޭ އެހީ ބޭނުން ކުރާނީ ސަރުކާރުން ކަނޑައަޅާ ތަރައްގީގެ އެކި މަޝްރޫއުތަކަށް ހަރުދުކުރުމަށް ކަމުގަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހަރަދު ކުރާނީ މާލޭގެ މަގުތައް ހެދުމަށްކަމަށް ޑރ. މުއިއްޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އެއީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި. ރާއްޖޭގަ އަޅުގަނޑުމެން ކަނޑައަޅާ ތަރައްގީގެ މަޝްރޫތަކަށް ޚަރަދު ކުރަން. އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ޚަރަދު ކުރަން ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް،" ރައީސް ވިދާޅުވި އެވެ. 

ރައީސްގެ ދަތުރުފުޅުގައި ޗައިނާއާއާ އެކު ސޮއިކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމާއި ވެލާނާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. 

ހުޅުމާލޭ ފޭސް 2 ގެ އާބަން އައިލްގައި ކޮމާޝަލް ސްޕައިންގެ ނަމުގައި ހަތް އިމާރާތް އެޅުމުގެ އެއްބަސްވުމެއް ގައި ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާއާ އެކުގައި 20 އެއްބަސްވުމެއްގައި ސޮއިކުރެވުނު އިރު، ކާރިސާތައް ކުޑަކުރުމާ ގުޅޭ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޑިޖިޓަލް އިކޮނޮމީ ޑިވެލޮޕް ކުރުމުގެ ދާއިރާ، ލޯ ކާބަން ގްރީން އިކޮނޮމީ ދާއިރާ އިން އިންވެސްޓް ކުރުމުގެ ގޮތުންނާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ތަރައްގީ ކުރުމާ ބެހޭ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށެވެ.  

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ނަމޫނާ ގުޅުމެއް ކަމަށާއި އެ ގުޅުން ބިނާވެގެން ވަނީ ހަތަރު އަސާސެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

އެއީ ދެ ގައުމުގެ މެދުގައި އެއްގައުމު އަނެއް ގައުމަށް އޮންނަ އިހުތިރާމާއި ސަވަރިން އިކުއަލިޓީ އަދި ޓެރިޓޯރިއަލް އިންޓެގްރެޓީ އާއި ދެ ގައުމުގެ އެތެރޭގެ ކަންކަމަށް ދެ ގައުމުން ވެސް ނުބެހުން ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް