"ބަގާވާތު"ގެ ފުރަތަމަ މަރުޙަލާއަކީ ހިންގާ ކޮމިޓީގައި ނެތް ބާރު ބޭނުން ކުރުމެވެ. ދެވަނަ މަރުޙަލާއަކީ ވެލެންސިއާ މެދުވެރިކޮށް ވަގު ސިޓީ އުފެއްދުމެވެ. ތިން ވަނަ މަރުޙަލާ އޮތީ ކުރިއަށެވެ. އެއީ ކޮންގްރެސް ތަޅުމުގައި ވޯޓް އޮޅުވާލުމެވެ. ޒޯން މަންދޫބުންގެ ވޯޓް ނެތް އެއްޗަކަށް ހެދުމެވެ. މިއީ ބޮޑެތި ވައްކަމެވެ. މިފަދަ ވައްކަން ހުއްޓުވަން ހުންނަނީ ކޮމިޝަނަ އޮފް ސްޕޯޓްސް އެވެ.
އެފްއޭއެމް ބަގާވާތުގެ މައިގަނޑު 3 މަރުޙަލާ ތަފްސީލްކޮށްލާނަ މަވެ.
"ބަގާވާތު"ގެ 1 ވަނަ މަރުޙަލާ - ނެތް ބާރު ބޭނުން ކުރުން
ރައީސް ބައްސާމް އަދީލްޖަލީލް، ރިޔާސަތުގައި އިންނަވައިގެން، އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ނެތް ބާރެއް ބޭނުންކޮށް، އެޖަމިއްޔާގެ އިންތިޚާބު ހަ މަސް ދުވަސް ކުރިއަށް ޖައްސަން އެދަނީ މަސައްކަތް ކުރަމުންވެ. 31 ޖެނުއަރީ 2024 ވަނަ ދުވަހަށް ކޮންގްރެސް ތާވަލްކޮށް، ގާނޫނާ ހިލާފަށް އިންތިހާބަކަށް ގޮވާލުމުން ސްޕޯޓްސް ކޮމިޝަނަރު މިކަމާ ސުވާލު އުފައްދާ، މައްސަލަ ބަލަންފެށި އެވެ.
ކޮމިޝަނަރު ފާހަގަ ކުރެއްވި ފުރަތަމަ ކަމަކީ އެފަރާތަށް ނާންގާ އިންތިޚާބު ބާއްވަން އިޢުލާން ކުރި ކަމެވެ. ސިއްރު ކުރިކަމެވެ! އިންތިޚާބު، ހަ މަސް ދުވަސް ކުރިއަށް ޖައްސަން ނިންމި ނިންމުމާއި، ބޭނުން ކުރި އިޖްރާއަތްތަކުގެ ސައްޙަކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ. އަހަރަކު އެއް ފަހަރު ބާއްވަންޖެހޭ އޯޑިނަރީ ކޮންގްރެސްއަކީ، އަހަރު ދެބައި ނުވަނީސް، ފުލުފުލުގައި ބޭއްވޭ ބައްދަލުވުމެއް ނޫނެވެ. މިއީ ހިންގާ ކޮމިޓީއަށް ލިބިގެނަވާ ބާރެއް ނޫނެވެ.
އެފްއޭއެމް ސްޓެޓިއުޓުސްގެ އާޓިކަލް 27 ގެ 2 ވަނަ ޕެރާގައި ވަނީ އޯޑިނަރީ އަހަރީ ކޮންގްރެސްގެ ތާރީޚް ކަނޑައެޅުމަކީ އެކޮމިޓީގެ ބާރެއް ކަމަށެވެ. އެހެން ނަމަވެސް އަހަރީ ކޮންގްރެސްއެއް، އަހަރު ދެބައިނުވަނީސް ފުލުފުން ބާއްވަން ތާރީޚް ކަނޑައަޅާކަށްނޫނެވެ. މިއީ ގައުމުގެ ރައީސް ހުވާކުރާ ތާރީޚް ބަދަލުކުރުން ފަދަ ކަންކަމެވެ. ގާނޫނާ ޚިލާފް ކަމެވެ. މިފަދަ މައްސަލަތައް ބަލަން އޮންނަ ފުރަތަމަ ފަރާތަކީ ސްޕޯޓްްސް ކޮމިޝަނަރެވެ. ސްޕޯޓްސް ކޮމިޝަނަރު ހިންގާނެ އިޖްރާއަތްތައް މިހާރު ވަނީ ހާމަކޮށްފަ އެވެ. އެއީ އޭއެފްސީ ގެ ރައުޔޫއެއް ހޯދުމެވެ. އެހެން ނަމަވެސް، އޭއެފްސީއާ މަޝްވަރާކުރިކަމަކަށް ކޮމިޝަނަރު އަދި ވެސް ހާމައެއް ނުކުރައްވަ އެވެ.
"ބަގާވާތު"ގެ 2 ވަނަ މަރުހަލާ - ވަގުސިޓީ އުފެއްދުން
"ބަގާވާތު"ގެ ދެ ވަނަ މަރުޙަލާއަކީ، ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްކެންޑިޑޭޓް ޑިސްކޮލިފައިކުރުމެވެ. މިކަން ކުރީ ވެލެންސިއާ މެދުވެރިކޮށް ވަގު ސިޓީ އުފައްދައިގެނެވެ. ބައްސާމުގެ ކެންޑިޑޭޓް މުފާވިޒަށް ވަގު އެންޑޯސްމަންޓެއް ދީގެނެވެ. މިހެންވެ، ވެލެންސިއާއިން ދެކެންޑިޑޭޓަށް ތާއީދު ކުރީކަމަށް ނިންމައިގެނެވެ. އަދި މިނިންމުން ނިންމީ އޭއެފްސީ އާއި ފީފާގެ ނަމުގަ އެވެ. އެ ދެ ޖަމިއްޔާ މިސްރެޕްރެޒެންޓްކޮށް އޮޅުވާލައިގެނެވެ.
މިކަންކުރީ އެއްދޮގު މައްޗަށް ދެ ވަނަ ދޮގެއް ހަދައިގެން ނެވެ. ފުރަތަމަ ހެދި ދޮގަކީ، ވެލެންސިއާގެ ޗެއާޕާސަނަނީ، ސައްހަ ޗެއާޕާސަން ނޫންކަމަށް އޭއެފްސީން ބުނާކަމަށް އަޑުފަތުރައިގެނެވެ. ފުރަތަމަ ދޮގުގެ މައްޗަށް ހެދި ދެ ވަނަ ދޮގަކީ، އެއް ކެންޑިޑޭޓަށް ދެ އެންޑޯސްމަންޓް ދިނުމުން ދެ އެންޑޯސްމަންޓްވެސް ބާޠިލްކުރީ، ފީފާގެ އަސާސީ ގަވާއިދުގެ ދަށުން ގެންގުޅޭ އުސޫލެއްގެ ދަށުން ކަމަށް ބުނެ އެވެ.
ފުރަތަމަ ދޮގު، އޭއެފްސީ އިން ބުންޏޭ ބުންޏޭ! - އިލެކްޓޯރަލް ކޮމިޓީން، އޭއެފްސީގެ ލަފައަކަށް އެދި ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބުނު ނަމަވެސް، ޖަވާބެއް ލިބުނުކަމަށް ބުނި ހިސާބުން ދޮގު ހެދުން ފެށުނީ އެވެ. ލިޔުމަކުން އެދުނު ލަފާ އޮތީ ލީކުވެފަ އެވެ. ވީމާ އަބްﷲ އަލީގެ ސިޓީއަށް ޖަވާބެއް ނުލިބޭނެކަން އެނގެ އެވެ. ޖަވާބު ސިޓީ އޮތް ނަމަ ލީކްނުކޮށެއް ނުހުރީހެވެ! އެފްއޭއެމުން ޗެއާޕާސަން އަޒުމީން އޮތީ ޗެއަޕާސަންގެ ގޮތުގައި ނޫން ކަމަށެވެ. ވީމާ، އަޒުމީންގެ ނަމުގައި ސޮއިކޮށްފައިވާ އެންޑޯސްމަންޓް ބާތިލްވީކަމަށެވެ. ޗެއާޕާސަނަކީ ޗެއާޕާސަން ނޫން ކަމަށެވެ! ފުރަތަމައިނުން ވެސް ވެލެންސިއާ އިން ވަގުސިޓީ އުފެއްދީ އަޒުމީން ކަމަށް ހެދީ އެވެ. މޮޅު ތާއެވެ!
ކްލާސް ޕޯޓަލް އަކީ، އޭއެފްސީ ކްލަބް ލައިސެންސިންގް ގެ ބޭނުމަށް އުފައްދާފައިވާ ވަސީލަތެކެވެ. މިޕޯޓަލްއަކީ، އޭއެފްސީގެ މެމްބަރު އެސޯސިއޭޝަނެއްގެ ކްލަބެއްގެ ޗެއާޕާސަން ވެރިފައި ކުރަން އުފައްދާފައިވާ ވަސީލަތެއް ނޫނެވެ. 2023 އަހަރުގެ ކްލަބް ލައިސެންސިންގް ރެގިއުލޭޝަންސްގެ އާޓިކަލް 1. ސްކޯޕް އޮފް އެޕްލިކޭޝަންގައި މިކަން ބަޔާންކޮށްފައިވެ އެވެ.
އަދި އާޓިކަލް 19 ލީގަލް ކްރައިޓީރިއާގެ 1ގެ I ދަށުން، އޭއެފްސީން ޝައްކު ވެއްޖެ ހިނދެއްގައި، "ރެލަވަންޓް ޕަބްލިކް އޮތޯރިޓީ"، ރާއްޖޭގައި ނަމަ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ސާފުކުރާނެކަމަށް ވެސް ބުނެފައިވެ އެވެ. ކޮމިޝަނަރު އިއުލާންކޮށްފައިވާގޮތުގައި، އަޒުމީނަކީ، ވެލެންސިއާގެ ޗެއާޕާސަން އެވެ.
ފުރަތަމަ ދޮގުގެ ފުރަތަމަ ބޭނުމަކީ ތޯރިގަށް ތިން ވަނަ ކްލަބެއް ހަމަވިޔަނުދިނުމެވެ. އަޒުމީން ސޮއިކޮށްފައި އޮތް ސިޓީއަކީ ވަގު ސިޓީއެއް ކަމުގައި ދައްކާ އެންޑޯސްމަންޓް ބާޠިލް ކުރުމެވެ. އަޒުމީން ޗެއާޕާސަނަށް ނުވަނީ، ކްލާސްޕޯޓަލްގައި ޗެއާމަން ގޮތުގައި ރެޖިސްޓަރީކޮށްފައި ނެތުމުންކަމަށް ބުނެ އެވެ.
ފުރަތަމަ ދޮގުގެ ދެ ވަނަ ބޭނުމަކީ، ކުޅިވަރު ގާނޫނުގެ މައްޗަށް، އޭއެފްސީ އިސް ކުރުމެވެ. ގާނޫނާ ހިލާފަށް ކަންކަން ކުރުމެވެ. އަޒުމީނަކީ ރާއްޖޭގެ ކްލަބް ވެލެންސިއާގެ ޗެއާޕާސަން ނޫންކަމަށް އޭއެފްސީ އިން ބުނިކަމަށް ދެއްކުމެވެ. އޭއެފްސީ އިން ޖަވާބެއް ނުލިބިއްޖެނަމަ، ޕްލޭން-ބީ އަށް ދާނީ ކަމަށެވެ.
ދެވަނަ ދޮގު، ފީފާ އިން ބުންޏޭ ބުންޏޭ! – ދެވަނަ ދޮގަކީ ޕްލޭން-ބީ އެވެ!. އަސްލު ވަގު ސިޓީގެ ސަބަބުން ދެ އެންޑޯސްމަންޓް ބާތިލް ކުރުމެވެ. މި ދެ ވަނަ އޮޕްޝަން ނުވަތަ ޕްލޭން-ބީ އަކީ އަތްބައިގައި ބާއްވާފައިއޮތް ފޯލްބެކް އޮޕްޝަނެވެ. ފޫލްޕްރޫފް ކޮށް ތޯރިގަށް އެވޯޓް ގެއްލުވާލުމަށްޓަކައެވެ.
އެންމެ ފަހުން ދެ ދޮގު ވެސް ޖެހުނީ ފުލުފުލުގައި ދޫކޮށްލާށެވެ. ދެ ދޮގު ފެތުރީ ތަފާތު ދެ ނޫސް މެދުވެރިކޮށެވެ. އެއްނޫސް ބުރަވީ އޭއެފްސީގެ ކްލާސްޕޯޓަލްގެ ވާހަކައަށެވެ. އޭއެފްސީ ބުންޏޭ ބުންޏޭ އަށެވެ! އަނެއް ނޫސް ބުރަވީ ފީފާގެ ސްޓެޓިއުޓްސް ގެ އުސޫލަށެވެ. ފީފާ ބުންޏޭބުންޏޭ އަށެވެ! މަގުސަދަކީ ވީހާ ވެސް ބޮޑަކަށް ކަންކަން އޮޅުވާލާ މަކަރު ހެދުމެވެ.
ފީފާގެ ސްޓެޓިއުޓްސްގެ 27 ވަނަ މާއްދާގެ 3 ގައި ބުނަނީ ފީފާގެ ރައީސްކަމަށް ކުރިމަތިލާ ދެ ކެންޑިޑޭޓަށް އެއް ނެޝަނަލް އެސޯސިއޭޝަނުން ތާއީދުކޮށްފިނަމަ، ދެ އެންޑޯސްމަންޓް ވެސް ބާތިލްވާނެ ކަމަށެވެ. އެފްއޭއެމުން މިއުސޫލަށް މިކަން ފެއްތީ، ދެ ވަނަ އެންޑޯސްމަންޓެއް ގޮތުގައި ވަގު ސިޓީއެއް އުފައްދައިގެން ނެވެ. މިއީ ކުރިން ރާވާފައިއޮތް ކަމެކެވެ. ފޯލްބެކް އޮޕްޝަނެވެ!
އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް ހަމައެކަނި ބައްސާމްގެ ކެންޑިޑޭޓް މުވައްފިޒް ހާޝިމްއަށް ފެންނަ ނުފެންނަ ވޯޓަކަށް ގެންދިއުމަކީ އެފްއޭއެމްގެ އިންތިހާބުގެ މަގްސަދެވެ. "ބަގާވާތަ"ށް ވީނަމަވެސް ވަރިހަމައެވެ! ޑިސްކޮލިފައިކުރި ކެންޑިޑޭޓް، ތޯރިގަށް ތާއީދުކުރާ "ވެރިން" ވިދާޅުވަމުން ގެންދަވަނީ ފުލުހުން ވައްދައިގެން ނަމަވެސް އިންތިހާބު ހުއްޓުވާނެކަމަށެވެ. "ބަގާވާތް" ކުރުން ނޫން ގޮތެއް ދަންނަކަމަކަށް ވެސް ނުވެއެވެ!
"ބަގާވާތު"ގެ 3 ވަނަ މަރުހަލާ – ވޯޓް އޮޅުވާލުން
ބައްސާމްގެ "ބަގާވާތު"ގެ ފަހު މަރުޙަލާއަކީ ވޯޓް އޮޅުވާލުމެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖްގައި އޮންނަނީ 44 ވޯޓެވެ. އެއީ އެއް ވަނަ ޑިވިޜަންގެ އަށް ކްލަބަށް، ކްލަބަކަށް ދެ ވޯޓުގެ މަގުން 16 ވޯޓެވެ (Art.22, a). ދެ ވަނަ ޑިވިޜަންގެ 10 ކުލަބުގެ 10 ވޯޓެވެ (Art.22, b). އަދި ނުވަ ޒޯނަށް، ކޮންމެ ޒޯނަކަށް ވޯޓެއްގެ މަގުން ނުވަ ވޯޓެވެ (Art.22, c) ކްލަބްތަކަށް ޖުމްލަ 35 ވޯޓެވެ. މީގެއިތުރުން އިންޓަރެސްޓް ގްރޫޕްތަކަށް ވެސް ވޯޓްލިބެ އެވެ. އެއީ ފުޓްސަލް އަށް އެއްވޯޓް، އަންހެނުންގެ ފުޓުބޯޅަ އަށް ދެ ވޯޓް، އަދި ރެފްރީން، ކޯޗުން، ބީޗް ފުޓްބޯލް، ކުޅުންތެރިން، ޔޫތު އަދި ވެޓަރަންސް އެސޯސިއޭޝަނަށް ހިމަނައިގެން އިންތަޓަރަސްޓް ގްރޫޕްތަކަށް ޖުމްލަ 9 ވޯޓެވެ (Art.22, d to k). މުޅި ޖުމްލަ 44 ވޯޓެވެ.
ވޯޓްގެ އަދަދު މަދުކުރުން - ހީލަތްތެރި ރޭވުމެއްގެދަށުން އިންޓަރެސްޓްގްރޫޕްގެ ނުވަ ވޯޓް މިހާރު ވަނީ އުނިކޮށްފަ އެވެ. މިޖަރީމާ ހިންގާފައިވަނީ، އެންމެ ފަހުގެ 2005 ން 2016 އަށް އޮތް ފީފާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން މުހަންމަދު ޝަވީދުގެ މޭސްތިރިކަމުގެދަށުންނެވެ. އެފްއޭއެމްގެ ސްޓެޓިއުޓްސް އިސްލާހުކޮށް، ޑިމޮކްރަޓައިޒް ކުރުމުގެ ނަމުގައި ކޮށްފައިވާ ކަމަކީ، އެފްއޭއެމްގެ ބާރުތައް އަލަށް އިންތިހާބު ކުރެވުނު ރައީސް ބައްސާމްގެ އަތްދަށަށް ހުދުމުހުތާރުކޮށް އެއްކުރުމެވެ. ވޯޓު އަދަދު މަދުކޮށް، ވޯޓް ކޮންޓްރޯލް ކުރެވޭގޮތް ހެދުމެވެ. މިޖަރީމާ ހިންގީ އެފްއޭއެމް ސްޓެޓިއުޓްސްއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށްގެނެވެ. އެއީ Art.83, 1 to 3 މެދުވެރިކޮށެވެ. މިމާއްދާގެ ދަށުން 44 ވޯޓުން މި ނުވަ ވޯޓް އުނިކުރީ އެވެ. މިހާރު އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖްގައި އޮތީ 35 ވޯޓެވެ.
ޒޯންތަކުގެ 9 ވޯޓާނުލާ ކޮންގްރެސް ހިންގުން – މިހީލަތްތެރި ރޭވުމުގެ ދަށުން، ޒޯންތަކަށްދީފައި އޮތް ނުވަ ވޯޓް އުވާލާކަށް ނުކެރުނެވެ. އަތޮޅުތެރެއަށް ހުރި ވޯޓްތަކުގައި އޭރު ވެސް އަތްލާން ނުކެރުނީ އެވެ. އެހެން ނަމަވެސް، ވޯޓް އޮޅުވާލުމުގެ ޙުދުމުޚުތާރު ޝަގާފަތުގެ ދަށުން އެއްވެސް ކޮންގްރެސްއެއްގައި ޒޯންތަކަށް ވޯޓްލާން ފުރުސޮތެއް ނުދެއެވެ. ސްޓެޓިއުޓްސްއިން މި ނުވަ ވޯޓްލުމުގެ ހައްގު ދީފާއި އޮތް ނަމަވެސްމެއެވެ. ޒޯން ތަމްސީލް ކުރާ ވޯޓްލަނީ ކާކުކަމެއް ނޭނގެއެވެ. އެފަދަ މަންދޫބެއް އިންތިހާބު ކުރާގޮތެއް ވެސް ސްޓެޓިއުޓްސްގައި ބަޔާންކޮށްފައެއް ނެތެވެ. ވީމާ މިފަހަރު ވެސް ކޮންގްރެސްގައި ވޯޓްލާ އިލެކްޓޯރަލް ކޮލެޖަކީ ގާނޫނާ ޙިލާފް އިލެކްޓޯރަލް ކޮލެޖެކެވެ.
އިންތިޚާބީ ކޮންގްރެސްއެއް ބޭއްވެންއަންނަނީ ޖުމްލަ ވޯޓްގެ %51 ހަމަވެގެންނެވެ. އެހެން ނަމަވެސް އެފްއޭއެމްގެ ކޮންގްރެސްތައް ހިންގަނީ ވެސް އެފްއޭއެމްގެ އަމިއްލަ ސްޓެޓިއުޓް ނުވަތަ އަސާސީ ގަވާއިދާވެސް ޙިލާފަށެވެ. ސްޓެޓިއުޓްސްގެ 10 އާއި 22 ވަނަ މާއްދާ އިން ބުނަނީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖަކީ 44 ވޯޓް ކަމަށެވެ.
ގާނޫނާ ޙިލާފަށް ކޮންގްރެސް ހިންގުން - އެފްއޭއެމްގެ ހިންގަނީ އެއްވަނަ ޑިވިޜަނާ ދެވަނަ ޑިވިޜަންގެ 26 ވޯޓުގެ މެޖޯރިޓީއަށް ބަލައިގެންނެވެ. އެއީ 14 އެވެ. މިއީ އަނެއް ބޮޑު ދޮގެވެ. ކޮންގްރެސްގެ މެޖޯރިޓީއަކީ 18 ވޯޓެވެ. ވީމާ، ދެ ވަނަ ކެންޑިޑޭޓަކަށް ވާދަ ކުރަން ފުރުސޮތު ދީފިނަމަ، އިލެކްޓޯރަލް ކޮލެޖް ދެ ފަޅިވާއިރު، އަތޮޅުތެރޭގެ ވޯޓާ ނުލާ އެއްވެސް ކެންޑިޑޭޓަކަށް މެޖޯރިޓީ ނުލިބިދާނެތީ އެވެ. ކޮންގްރެސްގައި އަތޮޅުތެރޭގެ ކްލަބްތަކަށް ލިބޭ ނުވަ ވޯޓާ ނުލާ ގާނޫނާ ޙިލާފަށް ކޮންގްރެސް ހިންގަން އެއުޅެނީ މިހެންވެ އެވެ.
އެފްއޭއެމް ހިންގަނީ އެޖަމިއްޔާގެ އަސާސީ ގަވާއިދާ ހިލާފަށެވެ. އަތޮޅުތެރެއަށް ލިބިފައިވާ މައިނޯރިޓީ ވޯޓް ނުހިމަނަ އެވެ. ބައިވެރިވެސް ނުކުރަނީ އެވެ. މެޖޯރިޓީ ކަނޑައެޅުމުގައި ހިންގާ ގަވާއިދުން ލާޒިމްކުރާ ވޯޓުތަކަކާ ނުލާ ކޮންގްރެސް ހިންގާ މައްސަލަ ބެލުމަކީ ސްޕޯޓސް ކޮމިޝަނަރުގެ ގާނޫނީ މެންޑޭޓެވެ.
އެފްއޭއެމުން "ބަގާވާތް"ކުރުން
އެފްއޭއެމެގެ 31 ޖެނުއަރީ 2024 ގެ އޯޑިނަރީ ކޮންގްރެސްއަކީ "ބަގާވާތެ"ކެވެ! "ބަގާވާތަ"ކީ ނެތް ބާރުގެ ބޭނުންކޮށްގެން ވެރިކަން ބަދަލު ކުރުމެވެ. މިކޮންގްރެސްއަށް ގޮވާލީ ވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގައި އަގުލަބިއްޔަތު ނެތް ވަގުތެއްގަ އެވެ. އަގުލަބިއްޔަތު އޮތްނަމަވެސް، ފުލުފުލުގައި އޯޑިނަރީ ކޮންގްރެސްއަކަށް ގޮވުމުގެ ބާރެއް ނެތެވެ. ބައްސާމުގެ ކެންޑިޑޭޓް މުފާވިޒް ހާޝިމަށް ތުހުމަތު ކުރެވެނީ ވެލެންސިއާގެ ހިންގާ ކޮމިޓީއަށް ބިރުދައްކައިގެން، ޗެއާޕާސަންގެ ނައިބު އިލްމާއު ހުސެއިން ލައްވާ ވަގު ސިޓީ އުފެއްދިކަމަށެވެ. "ބަގާވާތް" ފޮރުވަން ބޭނުން ކުރަނީ އޭއެފްސީއާއި، ފީފާ ސްޓެޓިއުޓްސްގެ މާއްދާތަކެވެ. އެ މާއްދާތަކަށް ބެލުމުން ކަށަވަރުވީ، މިއިން އެއްވެސް މާއްދާއަކީ، އެފްއޭއެމްގެ އިންތިހާބާބެހޭ އަދި ގުޅޭ މާއްދާ އެއްވެސް ނޫންކަމެވެ.
31 ޖެނުއަރީ 2024 ގެ ކޮންގްރެސް އަކީ، ރައީސް ބައްސާމް އިސްވެހުރެ، ރާވާ "ބަގާވާތެ"ކެވެ! ނެތްބާރު ބޭނުންކޮށް ގޮވި އިންތިހާބެކެވެ. ވާދަވެރި ކެންޑިޑޭޓު ބޭރުކުރީ ވަގުސިޓީ ތައްޔާރުކޮށް، ފީފާ/އޭއެފްސީ "މިސްރެޕްރެޒެންޓް" ކޮށް، އޮޅުވާލައިގެންނެވެ. އަދި، ނުވަ ޒޯން ވޯޓުން ވައްކަން ކުރަން ވެސް ރާވައިގެނެވެ. ފީފާއިން ދަނީ މައްސަލަ ބަލަމުންނެވެ.
ފުލުހުން ދަނީ އެފްއޭއެމްގެ މަނިލޯންޑަރިންގް ގެ މައްސަލަ ބަލަމުންނެވެ. ކޯޓް ހުކުމްތަކުން 40 މިލިއިންރުފިޔާގެ ދަރަނި އެބައޮތެވެ. ސްޕޯޓްސް ކޮމިޝަނަރު ވަނީ ކޮންގްރެސް ހުއްޓާލަން އަންގާފައެވެ.
އެޑިޓަރުގެ ނޯޓް
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ޕޮލީސްބޯޑްގެ މެމްބަރުކަމުގެއިތުރުން، ނޭޝަނަލް ސްކިލްޑިވެލޮޕްމަންޓް އޮތޯރިޓީގެ ސޯޝަލް ސެކްޓަރ ކައުންސިލަގައި، ސްޕޯޓްސް ސައިންސްގެ އިލްމް ތަމްސީލްކޮށްދޭ މެމްބަރެއްވެސް މެއެވެ.