ads
ވަގުތީ ގޮތުން ކުއްޖަކު ފޮސްޓާ ކުރެވޭނީ ކިހާ މުއްދަތަކަށް؟
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފެމެލީ އެންޑް ޝޯސަލް ޑިވެލޮޕްމަންޓުން މިހާރު މިވަނީ ހުޅުވާލައިފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ކުދިން ފޮސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު، އެކަމަށް ޝައުގުވެރިވާ ގިނަ ބަޔަކު ސުވާލުތައް ކުރަމުން ދާތީ މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ވަގުތީ ގޮތުން ކުއްޖަކު އާއިލާއަކާ ހަވާލު ކުރެވޭނީ މަދުވެގެން ދެ އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި ހަވާލުވާ އާއިލާއިން ބޭނުންވާ ނަމަ ފޮސްޓާގެ މުއްދަތުގެ ތެރެއިން ދާއިމީ ކުރުމުގެ އިހުތިޔާރު ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފޮސްޓަރިންގެ މުއްދަތު ހަމަ ވިއަސް އާއިލާއިން ބޭނުން ވާ ނަމަ، ވަގުތީ ފޮސްޓަރިންގެ ނިޒާމުގެ ތެރެއިން އެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް ފަހި ކޮށްދީފައި ވާނެ ކަމަށެވެ. 

ފޮސްޓަރިންގެ މުއްދަތުގައި، ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކޮށް ކުއްޖާ އަލުން އާއިލާއާ ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތް މިނިސްޓްރީން ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެއިތުރުން ވަގުތީ ފޮސްޓަރިންނާ ގުޅޭ ގޮތުން އާންމުން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރަމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ކުދިން ފޮސްޓަ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް 1433 އަށް ގުޅައި ނަން ނޯޓު ކުރަމުން ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް