ads
އާ ގަވައިދެއް އެކުލަވާލައި، ކައުންސިލް ތަކަށް ރަށްތަށް ދޫކުރަން ފަށަނީ
ކައުންސިލް ތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި އާ ގަވައިދެއް އެކުލަވާލައި، ކައުންސިލް ތަކަށް ރަށްތަށް ދޫކުރަން ފަށަން ތައްޔާރުވެއެޖެ އެވެ.

ރަށު ފެންވަރުގައި އާާންމު ރައްޔިތުން ކުރާ މަސައްކަތް ތަކަށް އަދި ރައްޔިތުންގެ މަންފާއަށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބިގަނެވޭ ގޮތް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އެޑްމިނިސްޓްރޭޝަނުން ނިންމަވައި، އެކަމާ ގުޅޭ އާ ގަވައިދެއް މިހާރުވަނީ އެކުލަވާލާފަ ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފަ އެވެ.

މި ގަވައިދުގައި ވާ ގޮތުން ރަށެއް ހޯދުމަށް ކައުންސިލުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ރަށުގެ ރައްޔިތުންނާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާާސް ކުރުމަށް ފަހުގައެވެ. އަދި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ހުއްދަ ވެސް ހޯދަން ޖެހޭނެ އެވެ. އެއަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުން އެ ވަޒަންކުރާނީ ސިޓީސް މިނިސްޓްރީންނެވެ.

އެ ގަވައިދުގައި ވާގޮތުން ކައުންސިލްތަކަށް ހުށަހެޅޭނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރެއްގައި ހިމެނޭ ރަށެއް ހޯދުމަށެވެ. ނަމަވެސް އެ އަތޮޅުގައި އެފަދަ ރަށެއް ނެތް ނަމަ އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމަށް ވެސް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން ކަނޑައަޅައި ރަށްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ގަވައިދުގެ ދަށުން ކައުންސިލް ތަކަށް ދޫކުރާ ރަށްތަކުގެ ތިމާވެށި ރައްކާތެރި ކުރުމަށް ވަކި މިންގަނޑު ތެކެއް ހިފަހައްޓަން ޖެހޭއިރު، ކައުންސިލަށް ފަޅު ރަށް ދޫކުރަން ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. 

މީގެކުރިން ކައުންސިލް ތަކަށް ރަށްތައް ދޫކުރެވެނީ ހަމައެކަނި ރަށް ބަލަހައްޓާ އުސޫލުންނެވެ. އެހެންކަމުން ކާށްޓާއި ފަން ހޮވުމާއި، ގޮނޑުދޮށުން މަސް ހިފުން ފަދަ މަދު ކަމެއް ފިޔަވައި އާމްދަނީ ހޯދޭނެ ރަނގަޅު ފުރުސަތެއް ފަހިވެފައެއް ނޯވެ އެވެ.

ނަމަވެސް އާ ގަވައިދުގެ ދަށުން ހޯދާ ރަށްތަކުން ކުރެވޭނެ ބޭނުންތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމާއި، ތަކެތި ގުދަން ކުރުމާއި، ޖަނަވާރު ގެންގުޅުމާއި، އޮޑިދޯނި ފަހަރު ބަނުމުގެ އިތުރުން ވަޑާމުގެ މަސައްކަތް ހިމެނެ އެވެ. 

މީގެއިތުރުން ހުއިފިލަނޑާ ކައްކައި ހިއްކުމާއި، ފައިބަރު މަސައްކަތް ކުރުމަށާއި، ލުއިކާނާ ވިއްކުމަށާއި، އެކުއަކަލްޗާގެ މަސައްކަތް ތަކަށާއި ދަތުރުދިއުމާއި މޫދު ކުޅިވަރުތަކުގެ ހިދުމަތް ފަދަ ކަންކަމަށް ވެސް އެ ރަށެއް ބޭނުން ކުރެވޭނެ އެވެ.

ކައުންސިލުތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި އުސޫލެއްގެ ދަށުން ފަޅު ރަށްތައް ދޫކުރަން ކެބިނެޓުން ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގައެވެ.

އެކަމުގެ ސަބަބުން ވަޒީފާތައް އުފެދި ރަށްރަށް އެކަމުން އިގުތިސޯދީ ނަފާ ލިބޭނެ ކަމަށާއި، އެއީ ރައްޔިތުން ބާރުވެރި ކުރެވި، ކައުންސިލުތައް އިތުރަށް ކުރި އަރައިގެން ދާނެ ކަމެއް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް