ads
މެޑިކަލް އިވެކުއޭޝަނަށް ރައީސްގެ ހުއްދައެއް ބޭނުމެއްނުވާނެ: މިނިސްޓަރު
ކުއްލި ހާލަތްތަކުގައި ބަލިމީހުން އެއް ރަށުން އަނެއް ރަށަށް ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ހާލުދެރަ ވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ މިއަދު ނިޔާވީ ޑޯނިއާގައި އެ ކުއްޖާ ގެންނަން ރައީީސްގެ ހުއްދަ ނުލިބިގެން ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ތަނީ ތުހުމަތު ކުރަމުންނެވެ.

އެ ތުހުމަތު ތަކަށް ރައްދު ދެއްވައި މިނިސްޓަރު ޣައްސާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޑިކަލް އިވެކުއޭޝަނަކީ އެކަމާ ގުޅޭ އިދާރާތަކުން ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.

އަދި އެފަދަ ހާލަތްތަކުގައި ރައީސްއަށް އެކަން އެންގުމެއް ވެސް އަދި ރައީސްގެ ހުއްދަ ހޯދަން ޖެހޭ އުސޫލެއް ވެސް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުން ފެށިގެން ސިއްހީ ކުއްލި ހާލަތް ތަކުގައި ކުރަން ޖެހުނު 93 އިންސައްތަ ދަތުރު ކޮށްފައިވަނީ މޯލްޑިވިއަންގެ ފްލައިޓުތަކުން ކަމަށެވެ.

ވިލިނގިލިން ހާލު ދެރަވި ކުއްޖާ މާލެ ގެނައުމަށް ޑޯނިއާ ބޭނުން ނުކުރީ އިންޑިއާއާމެދު އޮތް ނުރުހުމެއްގެ ސަބަބުން ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ބުނެ ބައެއް ފަރާތް ތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މީގެއިތުރުން އެ ކުއްޖާ ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ މިއަދު ވިދާޅުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަލިހާލު ބޮޑުވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނައީ ސްޓްރޯކެއް ޖެހިގެންނެވެ. ބުދަ ދުވަހުގެ ރޭ ހާލުދެރަ ވެގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ މާލެ ގެނެވުނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ވިލިނގިލީ ރައްޔިތުން ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް