ads
ރައީީސްގެ އެންގެވުމާ އެއްގޮތަށް ދެން އެންމެ އިސްކަން ދޭނީ އިމަޖެންސީ ތަކަށް
މިއަދުން ފެށިގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތްތައް އުފުލުމަށް އެންމެ އިސްކަން ދިނުމަށް ހަމަޖައްސަވާފައި ވާ ކަމަށް މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
Advertisement

މިގޮތަށް ނިންމާފައިވަނީ، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކަށް މިރޭ އެންގެވުމާ ގުޅިގެންނެވެ.

މިނިސްޓަރު އަމީން މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށާއި، މީގެފަހުން އެންމެ އިސްކަންދޭނީ އިމަޖެންސީ ހާލަތުގައި އުފުލަންޖެހޭ ބަލިމީހުން އުފުލުމަށް ކަމަށެވެ.

"ހޮސްޕިޓަލަކުން އިމަޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން!" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރިޔަށްދާ އެއް މަސައްކަތް ކަމަށާއި، މާޗް މަސް ފެށޭއިރު އެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

"މި ހިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ!" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ނިންމެވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ބަލިހާލު ބޮޑުވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ، މިއަދު ހެނދުނު 11:30 ހާއިރު ވަނީ އައިޖީއެމްއެޗްގައި ނިޔާވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނައީ ސްޓްރޯކެއް ޖެހިގެންނެވެ. ބުދަ ދުވަހުގެ ރޭ ހާލުދެރަ ވެގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ މާލެ ގެނެވުނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ވިލިނގިލީ ރައްޔިތުން ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

އެ މައްސަލައާއި ގުޅިގެން އާސަންދައިން މިރޭ ބުނެފައިވަނީ ގއ. ވިލިނގިލިން ހާލުދެރަވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ އިންތިޒާމު ވީ އެންމެ އަވަހަށް ހަމަޖެއްސި ކަމަށާއި، އެ ކުއްޖާ ނުގެނެވި ލަސްވީ ފްލައިޓަށް މައްސަލައެއް ދިމާވުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް