މިދިޔަ ބުރާސްފަތި ދުވަހު ހާލުދެރަ ވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވެ މިއަދު ކުއްޖެއް ނިޔާވުމާއި ގުޅިގެން މިރޭ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް، ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހަބަރު ރައީސް މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުކަމަށެވެ.
ޖާހުގެ އާއިލާއަށް ތައުޒިއްޔާ ފޮނުއްވަމުން ރައީސް އޮފީހުގެ ބަޔާނުގައި ބުނީ ޖާހުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައިވާކަމަށެވެ.
އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް މިއަދު އެދިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޖާހު މާލެ ގެނައުމަށް ޑޯނިއާ ބޭނުން ނުކުރީ އިންޑިއާއާމެދު އޮތް ނުރުހުމެއްގެ ސަބަބުން ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ބުނެ ބައެއް ފަރާތް ތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މީގެއިތުރުން އެ ކުއްޖާ ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ މިއަދު ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަލިހާލު ބޮޑުވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނައީ ސްޓްރޯކެއް ޖެހިގެންނެވެ. ބުދަ ދުވަހުގެ ރޭ ހާލުދެރަ ވެގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ މާލެ ގެނެވުނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ.
އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ވިލިނގިލީ ރައްޔިތުން ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.