ads
ޖެންޑާ ކޮމިޓީން ނިންމީ ކުއްޖާ މާލެ ގެނައުން ލަސްވި މައްސަލައިގެ އިންކުއަރީއެއް ހަދަން
ގއ. ވިލިނގިލީގައި ހާލުބޮޑުވި ކުއްޖަކު މާލެ ގެނައުން ލަސްވި މައްސަލައިގެ އިންކުއަރީ އެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
Advertisement

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު (13އ) ނިޔާވީ ވިލިނގިލި މާލެ ގެނެސް އައިޖީއެމްއެޗްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ވިލިނގިލި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ. އެހެންވެ ކުއްޖާ މަރުވީ މާލެ ގެނައުން ލަސްވެގެން ކަމަށް ބައެއް މީހުން ބުނެ އެވެ. 

އެ މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކުރީ ކަމާ ބެހޭ އިދާރާތަކާ ސުވާލުކޮށް ފުޅާ ދާއިރާއެއްގައި އިންކުއަރީ އެއް ކުރިއަށް ގެންދާާށެވެ.

ކޮމިޓީން އެ މައްސަލައިގެ އިންކުއަރީއެއް ހަދަން ހުށަަހެޅުއްވީ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ އެވެ. ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވީ އެ ހުށަހެޅުމަށް އިއުތިރާޒް ކުރާ މެމްބަރަކު ނެތުމުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެފަދަ މައްސަލަތަކުގައި އަމަލުކުރާ އެސްއޯޕީތައް ހުރިތޯ ބަލައި، ވިލިނގިލީ ކުއްޖާ އުފުލުމުގައި އެސްއޯޕީތަކަށް އަމަލުކުރެވިފައިވޭތޯއާއި އިހުމާލެއް ވާ ނަމަ ކާކުގެ އިހުމާލެއްތޯ ވެސް ބަލާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

"ނުރައްކާތެރި ހަރުކަށި ގައުމިއްޔަތެއްގެ ސަބަބުން ރައްޔިތުންގެ ފުރާނަ އަށް ގެއްލުން ވެދާނެ ފަދަ ކަންކަމަށް ފާރަވެރިވާން ޖެހޭ ކަން ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވި،" ޖީހާން ވިދާޅުވި އެވެ.

މި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރި މައުލޫމާތުން އިނގޭތީ އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގައި އިހުމާލުވި މީހުން ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު އެ ވަސީލަތްތައް ބޭނުން ނުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަވަހަށް ފަރުވާލިބެންޖެހޭ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރި ވާހަކަތަކުން އެކަމުގައި އިހުމާލުވާކަން އެނގޭ ކަމަށެވެ. 

އެ ކުއްޖާ ނިޔާވުމުގައި ފަރުވާގެ އިހުމާލެއް ނުވަތަ އެހެން ކަމެއް އުޅެނީތޯ ބަލާ، އިހުމާލެއް ވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓަރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް