ads
އިކޯކެއާ މޯލްޑިވްސްއަށް އެރި އޮޅުން މުއްތަލިބް ސާފުކޮށްދެއްވައިފި
މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ތެޔޮ ސްޓޯރޭޖު މާގިރި ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމުމައި ގުޅިގެން އެކޯކެއާ މޯލްޑިވްސް ޖަމިއްޔާއަށް އޮޅުމެއް އަރާފައި ވުމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު އެ އޮޅުން ސާފުކޮށްދެއްވައިފި އެވެ.

އިކޯކެއާ މޯލްޑިވްސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މާގިރިފަޅަކީ ގުދުރަތީ މުއްސަދިކަމާއި، ދިރުންތައް ގިނަ ފަޅެއްކަމަށާއި، އަދި މާލެ ސަރަހައްދުގައި އޮތް އެފަދަ މަދު ފަޅުތަކުގެ ތެރެއިން ފަޅެއްކަމަށެވެ. އަދި މާގިރިފަޅު ހިއްކައި ތަރައްގީކޮށްފިނަމަ، މާލެ ސަރަހައްދުގެ އެހެން ފަރުތަކުގެ ދިރުންތައް ނެތި ދިޔަގޮތަށް އެ ފަޅުގެ ދިރުންތައް ނެތި ދިއުމުގެ ބިރު އޮތްކަމަށާއި އެއީ މާލެ ސަރަހައްދުގެ ފަތުރުވެރިކަމަށްވެސް ބޮޑު އަސަރެއްކުރާނެ ކަމެއް ކަމަށް އިކޯކެއާ މޯލްޑިވްސްއިން ފާހަގަ ކުރެއްވި އެވެ. 

ތިމާވެށީގެ މަައްސަލަތަކުގައި ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އިކޯކެއާ މޯލްޑިވިސްއިންވެސް ވަނީ އެސްޓީއޯގެ ފިއުލް ފާމް، މާގިރިފަޅަށް ރީލޮކޭޓްކުރުމުގެ މަސައްކަތް ހުއްޓާލާ، އެ މަސައްކަތް އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލާފައި އެވެ. 

މި ކަންބޮޑުވުންތަކާ އެކު، އެކަން ސާފުކޮށްދެއްވާ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ތިލަފުށި ކައިރީގައި މާގިރިފަޅު ކިޔާ ފަޅެއް އޮންނައިރު ހުޅުމާލޭގެ އުތުރުން އޮންނަ ޝެރެޓަން މޯލްޑިވްސް އާއި ކަނޑުއޮތްގިރި ކައިރީގައިވެސް އެ ނަން ކިޔާ ފަޅެއް އޮވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް