
ކޮރޯނާ ވައިރަހާ ގުޅިގެން މުޅި ގައުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އަމްބާނީ އާއިލާއިން ރިލީފް ފަންޑަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު އެމީހުން ވަނީ ރެލިއަންސް ފައުންޑޭޝަން ހޮސްޕިޓަލާއި ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނާ ގުޅިގެން 100 އެނދުގެ ހޮސްޕިޓަލެއް ވެސް ގާއިމުކޮށްފަ އެވެ. މި ހޮސްޕިޓަލަކީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހެދި ތަނެކެވެ.
އެ ކުންފުނިން ވަނީ ދުވާލަކު އެއް ލައްކަ މާސްކު އުފެއްދުމަށް ނިންމާފައިވާކަމަށް ވެސް ބުނެފަ އެވެ.
އޭގެ އިތުރުން އެކުންފުނިން ބުނި ގޮތުގައި އިންޑިއާގެ ބައެއް އެންޖީއޯތަކާއި ގުޅިގެން މީހުންނަށް ހިލޭ ކެއުން ފޯރުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ. އަދި މަހަރަޝްތްރާ އާއި ލޮދިވާލީގައި އައިސޮލޭޝަން ފެސިލިޓީ ވެސް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މި އައިސޮލޭޝަން ފެސިލިޓީތައް ކަމާއި ބެހޭ އިދާރާތަކާއި ހަވާލުކޮށްފައި ވަނީ އެތަންތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކުރުމަށް ފަހު ކަމަށް ވެސް ކުންފުނިން ބުނެ އެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އެކުންފުނިން 736 ފިހާރަ ހިންގަމުން އަންނައިރު އެތަންތަނުން އެއްވެސް ދައްޗެއް ނުވެ އާންމުންނަށް ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.
ކޮރޯނާ ވައިރަހަށް މިހާތަނަށް އިންޑިއާއިން 918 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 19 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން ވެސް މަސައްކަތް އަންނަނީ ކުރަމުންނެވެ.
އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު އަމްބާނީ އާއިލާގެ އިތުރުން ވެސް އެގައުމުގެ ވިޔަފާރިވެރިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އޭޝިއާ ސަރަހައްދަށް ބަލާއިރު މުކޭޝްއަކީ މި ސަރަހައްދުގައި 17 ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މުމްބާއީގައި ހުންނަ، "އަންޓިލިއާ" ގެއަކީ ވެސް ބަކިންގަމް ޕެލަސްއަށްފަހު ދުނިޔޭގެ އެންމެ އަގު ބޮޑު ގެއެވެ. އެގޮތުން 27 ބުރީގެ އެ އިމާރާތުގެ އަގު އުޅެނީ ދެ ބިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.