ads
މާލެއާއި ރަސްމާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން: ރައީސް
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއާއި މާލެ ސިޓީ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ފުރަތަމަ 'އަންޑަވޯޓާ ޓަނަލް' މެދުވެރިކޮށް މާލެއާއި ރަސްމާލެ ގުޅުވާލުމުގެ ފަންނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ، އިރާދަކުރެއްވިއްޔާ، އަންޑަވޯޓާ ޓަނަލް މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް" ރައީސް ވިދާޅުވި އެވެ.

ރައީީސް ވިދާޅުވީ އެ ޓަނަލްގެ ފީސިބިލިޓީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެކަން ކުރިއަށް ގެންދަނީ މަސައްކަތުގެ ގާބިލުކަންހުރި ކުންފުނިތަކާއެކުގައި ކަމަށެވެ.

އެ ޓަނަލް ފަރުމާ ކުރާނީ ޓަނަލްއިން ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނާނެ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތްތައް ކަމަށާއި، އެއް ރަށް އަނެއް ރަށާއި ގުޅާލެވިފައިވާ ސަރަހައްދެއްގައި ދިރިއުޅޭ ބަޔަކަށް މާލެ ސަރަހައްދުގެ ރައްޔިތުން ވެގެންދާނެ ކަމަށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް