މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސްގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އޭކޭ ޕާޓީގެ ވަފްދުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ހުސައިން ޔައިމާނެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ އިތުރުން، ސަގާފީ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އާކުރައްވަމުން ކަމުގައި ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ލީޑް ކުރައްވާ އޭކޭ ޕާޓީއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވިއިރު، ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ ވަފުދެއް ވެސް މިއަދު ރައީސްގެ އަރިހަށް ޒިޔާރާތެއް ކުރެއްވި އެވެ.
އޭކޭ ޕާޓީ އާއި ސީޕީސީގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވީ މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށެވެ. އަދި ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ދެ ވަފުދުން ވެސް ބައިވެރިވިއިރު ރައީސް ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވައި، ޝުކުރު އަދާކުރައްވައިފަ އެވެ.
އޭކޭ ޕާޓީއަކީ 2002 ވަނަ އަހަރުން ފެށިގެން ތުރުކީވިލާތުގައި ވެރިކަން ކުރަމުންދާ ޕާޓީއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;