އެ މިނިސްޓްރީގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކ.ގުރައިދޫގައި ގާއިމް ކޮށްފައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިދުމަތް ހޯދަމުންދާ 19 ފަރާތްތެއް އާއިލާތަކާއި ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
މި މީހުން އާއިލާތަކާއި ހަވާލުކުރުމުގެ ކުރިން އެ މީހުންގެ އާއިލާތަަކަށް ތަމްރީނު ޕްރޮގްރާމްތަކެއް ރާވާ، ސެންސިޓައިޒް ކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން އާއިލާތަކުން އެ މަރުކަޒުގައި ތިބި މީހުންނާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ބެލިފައިވާކަމަށާއި ނަފްސާނީ ބަލިމަޑުކަމާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރާ ޕްރޮގްރާމެއް ހިންގިފައިވާކަމަށް އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެ އެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ ފަރާތަކީވެސް އުފާވެރި އަބުރުވެރި ދިރިއުޅެމެއް އާއިލާއާއި އެކު އުޅުމުގެ ހައްގު ލިބިފައިވާ މީހެއްކަން ކަށަވަރުކޮށްދެވިގެންގޮސްފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.