ads
ހީނާ
އެންސްޕާއިން މި މަހު ބޭހަށް ދާން 1922 ޓިކެޓު ދޫކޮށްފި
އިއްޔެއާ ހަމައަށް މި މަހު މިހާތަނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދާން 1922 ޓިކެޓު ދޫކޮށްފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް އެހީވަނީ ރައީސްގެ އެންގެވުމަށް އާސަންދައާއި އެންސްޕާގެ ތެރެއިން އަބަދުވެސް އެއް އިދާރާއިންކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. 

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައިދެނީ އެންސްޕާ އަދި އާސަންދައިގެ ތެރެއިންކަމަށެވެ. އަދި ބޭސްފަރުވާއަށް މީހުން ފޮނުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާ ވަކި އުސޫލެއް ނޯންނަކަމަށްވެސް ހީނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި މަހު ދޫކުރި 1922 ޓިކެޓުގެ ތެރެއިން 97.2 ޕަސަންޓަކީ އިންޑިއާއަށް ދިއުމަށް ދޫކޮށްފައިވާ ޓިކެޓު ކަމަށެވެ.

ސަރުކާރުން އަންނަނީ ބޭސްފަރުވާ ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ފުޅާކުރެއްވުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ އެކަމަކު ސިއްހީ ހިދުމަތުގެ އަގު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތައިލެންޑާއި ޔޫއޭއީ އިން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން މިފަހުން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުއިއްޒު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، އެ އަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތައިލެންޑާއި ޔޫއޭއީގެ ވާހަކަ އެވެ.

"...އަދި އެ ތަނަށް ދާއިރުގައި އެ ތަނުގެ އެކޮމޮޑޭޝަން އެކްސްޕެންސަސް އޭގައި ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން. އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުނ،ް މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެކަށް ދާނ،ީ މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް، އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދަ އިން ކަވަ ވެގެން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ. އެހެންވެ، ގިނަ ދިވެހީން ބޭސްފަރުވާއަށް ދަނީ އިންޑިއާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް