އެ އެސޯސިއޭޝަނުން މިހެން ބުނެފައި މި ވަނީ ކޮވިޑް-19 ގެ ސަބަބަން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ނުދީ އަދި މުސާރައިން ބޮޑު އަދަދެއް ކެނޑުމަށް ނިންމައިފައިވާ ރިސޯޓުތަކުގެ ލިސްޓެއް އާންމު ކުރަމުންނެވެ. އެ ލިސްޓުން ދައްކާ ގޮތުން މިހާތަނަށް 58 ރިސޯޓަކުން ވަނީ މުވައްޒަފުންނާ މެދު މިފަދަ ފިޔަވަޅުތައް އަޅާފަ އެވެ.
ޓީމް އިން ވަނީ ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯޕޭއަށް ފޮނުވާލަނީ އަނގަބަހުން ބުނެފައި ކަމަށާއި އަދި ބައެއް ރިސޯޓުތަކުން މިކަން ލިޔުމުން އަންގަމުން ދާކަމަށް ބުނެފަ އެވެ.
ގިނަ ރިސޯޓުތަކަކުން މިގޮތަށް މުވައްޒަފުން ގަދަކަމުން ނޯޕޭ ލީވަށް ފޮނުވާއިރު، ނޯޕޭއަށް ދާން އެއްބަސް ނުވާނަމަ ވަޒީފާއިން ވަކިކުރަމުން ވެސް އެބަ ގެންދެ އެވެ. އަދި މިގޮތަށް ވަކި ކުރާއިރު، ކުރިއަށް އޮތް މަސްތަކުގެ މުސާރަ ނުދީވެސް ބައެއް ރިސޯޓުތަކުން އަންނަނީ މުވައްޒަފުން ވަކި ކުރަމުންނެވެ.
ޓީމް އިން އާންމު ކޮށްފައިވާ ލިސްޓްގައި ހިމެނޭ ރިސޯޓު ތަކުގެ ތެރެއިން 30 އަށް ވުރެ ގިނަ ރިސޯޓުން ދަނީ މުވައްޒަފުން ނޯޕޭއަށް ފޮނުވަމުންނެވެ. އަދި މީގެ ތެރެއިން 40 އަށް ވުރެ ގިނަ ރިސޯޓަކުން ވަނީ މުވައްޒަފުންގެ މުސާރަތަކުން އުނިކޮށްފަ އެވެ.
ރިސޯޓުތަކުން މިގޮތަށް އަމަލު ކުރަމުން ދާއިރު، ސަރުކާރުން ވަނީ އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނިނުކޮށް ހުރިހާ ފަރާތްތަކަށް ވެސް ލިބެންވާ މުސާރަ ހަމައަށް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިގޮތަށް އަމަލު ކުރާނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވެސް ސަރުކާރުން ވަނީ މުވައްޒަފުންނަށް އަންގާފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރިސޯޓް ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތަކުން އަރައި ގަނެ މުވައްޒަފުންގެ މުސާރަ ހަމަކޮށް ދިނުމަށް އެހިތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ލޯނުތަކެއް ވެސް ދޫކުރުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް މުވައްޒަފުންނާ މެދު މިގޮތަށް އަމަލުކުރާ ރިސޯޓުތަކަށް އެ ލޯނު އެހީ ނުލިބޭނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.