މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުﷲ ހައްޔާނާ އެކު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޖަލީލް އައްބާސް ޖިލާނީ ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަސްވަސްކަން ހީކުރި ވަރަށްވުރެ އަވަހަށް ހައްލުކުރެވިފައިވާ ކަމަށާއި ދެ ގައުމުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ނިންމައިފައިވާ ކަމަށް އެ ބައްދަލުވުމާއި ގުޅިގެން ޕާޖިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއެވެ.
އީރާނުގެ ހާރިޖީ ވަޒީރު އަބްދުﷲ ވިދާޅުވީ ދެގައުމުގެ މެދުގައި ރަނގަޅު ވިސްނުމެއް އޮތް ކަމަށާއި އީރާނާއި ޕާކިސްތާނާ ދެމެދު ދުވަހަކު ވެސް ސަރަހައްދީ ތަފާތުތަކެއް ނުވަތަ ހަނގުރާމަތަކެއް ހިނގާފައިނުވާ ކަމަށެވެ. އަދި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަރަށް އަވަހަށް ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މީގެ އިތުރުން ދެން އީރާނުން ބުނެފައިވަނީ ދެ ގައުމުން ވެސް ދެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަ ކަމަށް އިހްތިރާމް ކުރާ ކަމަށާއި މިކަމަކީ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުންތައް އެއް ފަރާތްކޮށް ސުލްހަވާން އުޅޭ ކަމުގެ އިޝާރާތެއް ކަމުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަން ހުރި މައުލޫތަކުގެ ތެރޭގައި އިގުތިސާދީ އަދި އަސްކަރީ ގުޅުން ހިމެނެ އެވެ. ދެ ގައުމުގެ ގުޅިގެން ހިންގަން އެއްބަސްވެފައި ހުރި އިގުތިސާދީ ބައެއް މަސައްކަތްތަކަށް ހުއްޓުންއަރާފައި ހުރި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އީރާންގެ ހާރިޖީ ވަޒީރު ޕާކިސްތާނަށް މި ވަޑައިގަތީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އަސްކަރީ ހަމަލާތަކެއްގެ ސަބަބުން ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.
ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރި ހަމަލާތަކުގައި 11 މީހުން މަރުވި އެވެ. އޭގެ ފަހުން އީރާންގެ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ސަރަވާންގައި ހުންނަ ގެއަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި 9 މީހަކު ވަނީ މަރައިލާފަ އެވެ. އެ ހަމަލާގައި މަރައިލާފައި ވަނީ ޕާކިސްތާނުގެ މަސައްކަތްތެރިންތަކެކެވެ.