ads
ފުވައްމުލަކު ކަރަންޓް މައްސަލަ މަޖިލީހަށް
ފުވައްމުލަކުން ކަރަންޓް ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ އަށް ހުށައަޅައިފި އެވެ.
Advertisement

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި އެ މައްސަލާ ގައި ބުނެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ މެެދެއްހާ ހިސާބު ގައި އެ ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދިޔަ އެެއް ޖެންސެޓަށް މައްސަލައެއް ދިމާވެފައި ވާކަމަށެވެ.

މިކަމުގެ ސަބަބުން އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކާ ކުންފުނީން ދަނީ ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑަމުންނެވެ.

އެ ސިޓީގެ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އެންމެ އަސާސީ ހިދުމަތެއް މެދުކެނޑި މައްސަލައަށް ހައްލު ނުހޯދި އެކަށީގެންނުވާ ދިގު މުއްދަތަކަށް ދިގު ދެމިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުން ތިބީ ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައި ކަމަށް އެ މައްސަލާއިގައި ވެއެވެ. 

ކަރަންޓް ހިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކެނޑެން ފެށުމުގެ އެތައް ދުވަހެއް ކުރީން ވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގޭކަމަށާއި ފެނަކައިގެ ބެލުމުގެ ދަށުގައި ބޭނުންނުކުރާ ޖެންސެޓްވެސް އެބަހުރިކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އަދި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށް ފުވައްމުލަކުގެ ރައްޔިތުނުން ގަބޫލު ނުކުރާކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އަދި ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޮޅުމަސް ދުވަސް ފާއިތުވެ ގޮސްފައިވާ ކަމަށާއި ރައްޔިތުންގެ ތަކުލީފުތަކަށް ހައްލެއް ނުހޯދި ލަސްވަމުންދާ ދިއުމަކީ ފެނަކައިގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ދެކޭތީ އެ މައްސަލަ ބަލައި ދިނުމަށް ވަނީ އެދިފަ އެވެ.  

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި އިރު ފުވައްމުލަކު ސިޓީގެ ކަރަންޓުގެ މައްސަލައާއި ބެހޭ ގޮތުން ފެނަކާއިން އެންމެ ފަހުން ބުނީ ފުވައްމުލައް ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 800 ކިލޮވޯޓްގެ އާ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނަކާއިން ނެރުން ނޫސްބަޔާނުގައި އެ ކުންފުނިން ބުނީ ފުވައްމުލައް ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އިންޖީނެއް ހަލާކުވުމާ ގުޅިގެން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށްވުރެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މިވަގުތު ދައްވެފައިވާ ކަމަށެވެ. އެހެންކަމުން އެރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލް ކުރެވިގެން ކަރަންޓު ކަނޑަމުންދާ ކަމަށް ފެނަކައިން ބުނެފައިވެ އެވެ. 

މައްސަލަ ޖެހިފައިވަނީ އެރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއްގައި ކަމަށް ފެނަކައިން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޖެހުނު އެ މައްސަލައާއި ގުޅިގެން އެ ޖަނަރޭޓަރު ސެޓުގެ މައިގަނޑު ބައިތަކެއް ހަލާކުވެ، ކަރަންޓު އުފެއްދޭ މިންވަރު ދައްވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. 

ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވުމާއެކު އެ ކުންފުނިން ހިދުމަތް ދޭ އެހެން ރަށެއްގައި ހުރި 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދިއުމަށްޓަކައި އެރަށަށް އުޅަނދެއް ވެސް ފޮނުވި ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް އެ ޖަނަރޭޓަރު ސެޓް އެރަށުން ބާލައިފިނަމަ ރަށުގެ މަސްލަހަތު ގެއްލޭނެ ކަމަށް ބުނެ އެ ކުންފުންޏަށް ލިބުނު ޝަކުވާތަކާ ގުޅިގެން އެ މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެއާއެކު އިމަޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ހޯދަން މަސައްކަތް ކުރިނަމަވެސް، އެ ސައިޒުގެ ޖަނަރޭޓަރު ސެޓެއް ރާއްޖޭން ލިބެން ނެތް ކަމަށް ފެނަކައިގެ ބަޔާނުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް