ads
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ފުލުހުންނާ ހަވާލުކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅައިފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއް ކަމުގައި ދެކި، އިންތިހާބުގައި ދިމާވެދާނެ އެންމެހައި ކަންތައްތަކަށް ފުލުހުންގެ ހިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން މަސައްކަތްތައް އިތުރަށް ތަންފީޒު ކުރުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމަށް ވީ އެއްބަސްވުމެކެވެ. އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުން ހުރި ކަމެއްގެ ގޮތުގައި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫން ވެސް ކަންކަމުގައި އީސީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުމައި ދެފަރާތުން އަމަލު ކުރާނެ ގޮތްތައް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތާރީހުތައް

  • 30 ޖެނުއަރީ - އިންތިހާބު އިއުލާނު ކުރުން
  • 30 ޖެނުއަރީ - 10 ފެބްރުއަރީ: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުން
  • 31 ޖެނުއަރީ - 14 ފެބްރުއަރީ: ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
  • 31 ޖެނުއަރީ - 19 ފެބްރުއަރީ: އޮބްޒާވަރުން އަދި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
  • 1 ފެބްރުއަރީ - 7 ފެބްރުއަރީ: ރީ-ރަޖިސްޓްރޭޝަން މުއްދަތު
  • 16 ފެބްރުއަރީ - ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާނު ކުރުން
  • 16 ފެބްރުއަރީ - 23 ފެބްރުއަރީ: މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
  • 17 މާޗް - އިންތިހާބު ބާއްވާ ތާރީހު

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް