ads
ޕީޖީ ޝަމީމަށް ހަމަލާ ދިނީ ސެކިއުރިޓީ ހުއްޓާލާފައި އޮއްވައި: ފުލުހުން
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ހަމަލާދިނީ ފުލުހުން އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޕީޖީ އަށް ހަމަލާ ދީފައި ވަނީ އޭނާ އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

އެ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އެ ހާދިސާ ހިނގިއިރު  ފުލުހުން އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ކުރިން ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާ ގުޅިގެން ފުލުހުން ހެދި ތްރެޓް އެސެސްމަންޓެއްގައި ޕީޖީއަށް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ކަމަށް ފެނިފައިވާތީ، ކުރިން ސެކިއުރިޓީ ފޯރުކޮށްދެމުން ދިޔަ ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ފަހު ޕީޖީ ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދެމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް އެކަން ނިމުނީމާ ޕީޖީއަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓައިލާފައިވަނީ. އެހެންވީމާ އެގޮތަށް ދިޔަ ދުވަސްވަރެއްގައި މި ހާދިސާ ހިނގާފައިވަނީ،" ސީޕީ ޝުޖާއު ވިދާޅުވި އެވެ.

ސީޕީ އަލީ ޝުޖާއު ވިދާޅުވީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ. 

ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށެވެ. އަދި ފުލުހުން ވަނީ އެކަން ކުރީ ކޮން ބައެއްކަން ދެނެގަނެ ހަމަލާދިން މީހުން ހައްޔަރުކޮށްފަ އެވެ.  

މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް