ads
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއިން ނަގާނެ: ރައީސް ސޯލިހު
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއިން ނަގާނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިޔަށް އޮތް މިޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާއްދަކުރާނޭ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީން މިއަދު ބާއްވަމުން ދާ ޕްރައިމަރީގެ ވޯޓުލުން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުން ކަމަށާއި، އަދި އެކަން ކުރާނޭ ކަމަށެވެ.  

އިބޫ ވިދާޅުވީ މި ޕްރައިމަރީ ނިމުމާއެކު ކެންޕޭން ލޯންޗުކުރާނެ ކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކަށް އެމްޑީޕީން ދަތުރުކޮށް، ކެންޕޭންގެ ހަރަކާތްތައް ވަރަށް ފުޅާ ކުރިޔަށް ގެންދަން ނިންމާފައިވާކަމަށެވެ. 

އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެންޕޭންކުރާ ޕާޓީއެއް ކަމަށާއި މިފަހަރުގެ އިންތިޚާބުގައިވެސް އެގޮތަށް އިންތިޒާމްތައް ރާވަމުން މިގެންދަނީކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއިން ނަގާނޭ" ރައީސް އިބޫ ވިދާޅުވިއެވެ

ވޯޓުލުމުގެ ކަންކަން ވަރަށް ފުރިހަމައަށް ރާވާފައިވާ ކަމަށާއި ވަރަށް ސުލްހަވެރިކަމާއެކު ހުރިހާ ކަމެއް ކުރިއަށްދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

އަދި ދާއިރާތަކަށް ކުރިމަތިލެއްވި ބޭފުޅުންނާ މަޝްވަރާކޮށްގެން ސުލްހަވެރިކަމާއެކު މިކަން ގެންދިއުމަށްޓަކާ މަޝްވަރާކޮށް، ބައެއް ދާއިރާތަކުން މިވަނީ އެއްބަސްވުމަކަށް އައިސް، ވޯޓާ ހިސާބަކަށް ނުގޮސް ހައްލުތަކެއް ހޯދައިފައިވާކަމަށާއި  ޕްރައިމަރީއެއްގައި ހައްލު ކުރަން ދަތި ވަރަށް ގިނަ ކަންތައްތަކެއްދިމާވެގެން ދާކަމަށް އެމްޑީޕީގެ ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.

މިފަހަރުގެ ޕްރައިމަރީގަ ދުރާލާ ޕާޓީގެ އިސް ބޭފުޅުން މަޝްވަރާކުރައްވައިގެން މި ހޯދުނު ނަތީޖާއަކީ ރަނގަޅު ކާމިޔާބީއެއްކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މީގެ ސަބަބުން ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރައްވާކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ. 

ވާދަވެރި އެތެރޭގެ އިންތިހާބުތަކެއް މީގެ ކުރިން ބާއްވާފައިވާ އެމްޑީީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން، މިފަހަރު ވަނީ ނުލިބިފަ އެވެ. އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލި ފުރުސަތުގައި އެއްވެސް މީހަކު ކުރިމަތިނުލާ ހަތް ދާއިރާއެއް އެބަ އޮތެވެ. އަދި 46 ދާއިރާއަކުން ޓިކެޓު ދީފައިވެ އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި 40 ދާއިރާއަކަށް ވޯޓް ނެގުމުގެ ކަންތައްތައް މިއަދު ކުރިއަށްދާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.

އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00ން ހަވީރު 5 ޖެހުމާ ހަމައަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް