ads
ގުނޫތު ކިޔަންޖެހޭކަމަށް ބުނުމުން ޝަހީމް ވިދާޅުވީ ދީނީ ކަންކަން ސިޔާސީ ނުކުރަން
ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްވުން އެދި ކޮންމެ ނަމާދުގައި ކިޔަމުން އައި ގުނޫތު ކުރިޔަށް ގެންދަން ޖެހޭކަމަށް ބައެއް އިލްމުވެރިން ބުނުމުން ދީނީ ކަންކަން ސިޔާސީ ނުކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހުރިހާ ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވަނީ މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ހުއްޓާލަން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މުދިމުންނަށް އަންގަން އެދިފައެވެ. 

ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔާހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ކިޔަމުން ދިޔަ ގުނޫތު ހުއްޓާލަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފާޑިކީ ގިނަ މީހުން ބުނީ ގުނޫތު ކިޔުން ހުއްޓާލާއިރު ފަލަސްތީނުގެ ހާލަތު ކުރިޔަށްވުރެ މާ ގޯސްކަަަމަށެވެ. 

މި ވާހަކަތަކަށް ރައްދުދެއްވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއް ނޫންކަމަށެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސް ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވިކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. 

"ޤުނޫތު ނާޒިލާ ނޫނަސް އަބަދުވެސް ދުޢާކުރެވޭނެ. ކޮންމެ ހުކުރު ޚުޠުބާއެއްގައި ވެސް ވާނީ ފަލަޞްޠީނަށްޓަކައި ދުޢާ ހިމެނިފަ. އެކަން އެގޮތައް ދެމިގެންދާނެ އިންޝާ ﷲ. އަދި އިތުރަށް ޙާލަތު ގޯސްވެގެންދާ ނަމަ ޤުނޫނުއްނާޒިލާ އިޢާދަވާނެ. " ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ ވުޒާރާއިން ނެރުނު އިޢުލާނުގައިވާ ގޮތަށް ޤުނޫތު ނާޒިލާ މެދުކަނޑާލާފަ ވަނީ ވަގުތީ ގޮތުންކަމަށެވެ. އަދި އެފަދަ ދީނީ ކަމެއް ސިޔާސީ ކަމަކަށް ނުހެއްދެވުމަށްވެސް ޝަހީމްވަނީ  ނަސޭހަތްތެރިވެވަޑައިގެންފައެވެ. 

ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލަން ނިންމުމުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވަނީ ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ ޤުނޫތު ނާޒިލާ ކިޔަންޖެހޭ ސަބަބު ދެމިއޮތްހާ ހިނދަކު އެކަން ކުރިޔަށް ގެންދަންޖެހޭނެކަމަށެވެ. އަދި އެކަމާއި ގުޅޭ ސުވާލާ ޖަވާބު ހިމެނޭ ލިޔުމެއްވަނީ ހިއްސާކުރައްވާފައެވެ. 

ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔާހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ކިޔަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަދުވަހުއެވެ. ފުރަތަމަ ގުނޫތު ކިޔަން ފެށީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައެވެ. އެހެންނަމަވެސް ފަހުން އޮކްޓޫބަރ 18 ވަނަދުވަހު އޭރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން ނިންމާ އެކަން ފަށާފައެވެ. 

މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ހަމައެކަނި އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި އެކަނި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ޑިސެމްބަރު 7 ވަނަދުވަހު ހަމަޖެއްސިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް