ރާއްޖޭގެ ކަނޑުގެ އެންމެ އުތުރު ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި މައްސަލާގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ވަހީދު ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފެނިގެން މިދަނީ ސިޔާސީ ދެ ޕާޓީގެ ކޯޅުމުގެ ތެރެއިން ގައުމުގެ ރައްޔިތުންނަށް އަނިޔާވަމުންދާތަން މަންޒަރު ކަމަށާއި އެ ކޯޅުމުގެ ސަބަބުން ފިތެމުން މިދަނީ ރައްޔިތުންކަމަށެވެ.
އިންޑިއާގެ މައްސަލަތަކުގެ ވާހަކަ ދައްކާކަށް އިދިކޮޅު ފަރާތްތަކަށް ނުކުރޭކަމަށައި ސަރުކާރަށް ޗައިނާގެ މައްސަލަތަކުގެ ވާހަކަ ދައްކާކަށް ނުކުރޭ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރަކު ޓުވިޓާގައި ލިޔުނު އެއްޗަކަށްޓަކައި އިންޑިއާގައި ހުންނަވާ ދިވެހި އެމްބަސަޑަރު އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ގެންދިޔަކަމަށާއި ހަމަ އެ އުސޫލުން ދިވެހި މަސްދޯނިތަކަށް އަރައި ބިރުދައްކައި ހެދި އިރު ފޮރިން މިނިސްޓްރީއަށް އިންޑިއާ އެމްބަސަޑަރު ހާޒިރު ނުކުރެވެންވީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު ކުރައްވާފައި އެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ވަނީ އެ މައްސަލައިގެ މައުލޫމާތު ލިއުމުން ދޭން އިންޑިއާ ސަރުކާރުގައި އެދިފަ އެވެ. ނަމަވެސް ނިއު ދިއްލީގެ ޖަވާބެއް އަދި މާލެ އަކަށް ނުލިބެ އެވެ.