މިރޭ ތ. އަތޮޅު ވޭމަންޑޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަން ހުރި ކަންކަމަކީ އާދައިގެ ކަންކަމެއް ނޫންކަމަށެވެ.
އެކަންތައް ކުރަން ފެށުމުން، އެކަމާއި ދެކޮޅަށް ދިވެހިން ތެދުވެ ވާހަަކަދެއްކެވުމަކީ ލަދުވެތިކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި 974،000 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް އޮންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ބޮޑު ސަރަހައްދު އެއްޒަމާނެެއްގަވެސް ރަނގަޅަށް ބެލެހެއްޓިފައިނުވާކަމަށެވެ.
އެސަރަހައްދުން ގިނަ އިގްތިސާދީ ފައިދާ ހޯދޭނެކަމަށާއި، އެ ސަރަހައްދުން އެކަށީގެންވާ ވަރަށް މަސްވެރިކަން އަދި ނުކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.
ރަނގަޅަށް މަސްވެރިިކަމުގެ އިންޑަސްޓްރީން ނަފާ ހޯދިއްޖެ ނަމަ މިވަގުތު އެންމެ ބޮޑު ފައިދާއެއް ލިބޭ ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެ އެތައް ގުނައެއް އިތުރަށް އެ އިންޑަސްޓްރީން ފައިދާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިވަންކަމާއި އިސްތިގްލާލް ސަލާމަތްކުރުމަށްޓަކައި ވެސް އެ ސަރަހައްދު ބަލަހައްޓަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
މިއަދާ ހަމަައަށް ވެސް އެ ސަރަހައްދު ދިވެހިންނަށް ބެލެހެއްޓިފައިނުވާކަމަށާއި، އެ ސަރަހައްދު ބެލެއްޓުމަށް އެހެން ބައެއްގެ އެހީތެރިކަން ރައްޔިތުން ބޭނުން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އަމިއްލަ ބާރުގަ. އަމިއްލަ ކެޕޭސިޓީގައި އިރާދަކުރެއްވިޔާމުން މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަަހަށް ހަމަޖެހިގެން ދާނެ. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް ކުރަންފެށި އެ ތައްޔާރީތައް ވަމުން މިދަނީ." ރައީސް ވިދާޅުވިއެވެ.
ލަސްތަކެއް ނުވެ ރައްޔިތުންނަށް އަމަލީ ގޮތުން އެކަން ކުރާތަން ފެންނާނެކަމަށް ވިދާޅުވިއެވެ.
އެވާހަކަ ދެއްކެވެމުން އެކަމަށް ބައެއް ފަރާތްތަކުން ޖޯކް ޖަހާ އެކަމާއި ދެކޮޅަށް ވާހަކަދެއްކެވި ކަމަށާއި އެއީ، "ގައުމުދެކެ ލޯބިވާ ދިވެހިންތޯ؟" ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ވިދާޅުވީ އަމިއްލަ ބާރުވެރިކަން އުފައްދަވަން އުޅުމުން ދޭންޖެހޭނީ ހިތްވަރުކަމަށެވެ.
ނަމަވެސް އަމިއްލަ އެދުމަށްޓަކައި ގައުމަށް ކޮންމެފަދަ ކަމެއްް "ވިޔަސް ހެޔޮކަމަށް" ތައްޔާރަށް ތިބި އަދި އެގޮތައް ކުރިންވެސް މަސައްކަތްކޮށްފަ ތިބިކަން ސާބިތުވެފައި ތިބި ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެކަމަށް ވިދާޅުވި އެވެ.
"މިއީ ދިވެއްސަކަށް ވީތީ ފުންކޮށް ވިސްނަން ޖެހޭ ކަންތައް. އަޅުގަނޑު މިއުޅެނީކީއެއް ކޮންފްރޮންޓޭޝަނަކަށްދާކަށް އެއްވެސް ގައުމަކާއެކީ ދާކަށް ނޫން. އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ކަމޭހިތާ ހިދަކު ދުޝްމަނު ނުވާނެކަމަށެވެ.
ރައީސް މިފަދައިން ވާހަކަދައްކަވާފަ މިވަނީ ރާއްޖެއާއި އަވަށްޓެރި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ.
އެގައުމުގެ ކޯސްޓްގާޑް އުޅަނދުތައް ވަނީ ރާއްޖޭ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރި ދޯނިތަކަށް ވެސް އަރާފައެވެ.