ads
ރާއްޖޭގެ ހުރިހާ ހަރަދެއް ކުޑަކޮށް، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ވޯލްޑް ބޭންކް
މާލީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، ހުރިހާ ދާއިރާއަކުން ހަރަދު ކުޑަކޮށް، ހާލަތު ރަނގަޅު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވޯލްޑު ބޭންކުން ގޮވާލައިފިއެވެ.

ވޯލްޑް ބޭންކުން މިހެން ވިދާޅުވީ ވޯލްޑް ބޭންކު ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި ދަތުރު އިއްޔެ ނިންމާލުމަށް ފަހު ނެރުނު ބަޔާނެއްގަ އެވެ. އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ވެރިންނާ ބައްދަލު ކުރައްވާ ކަންބޮޑުވުންތައް ވެސް ހިއްސާ ކުރައްވާފައި އެވެ. 

ދައުލަތުން ކުރާ ހޭދަ މަތިވުމާއި، ބޭރު ފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑުވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުމާ ގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން ރެއިސާ ފާހަގަކުރެއްވިއެވެ. 

ވޯލްޑް ބޭންކުން ފާހަގަކުރި ކަންތައްތައް 

  • މުހިންމު ހޭދަތައް ތަރުތީބު ކޮށްގެން ހޭދަކުރުން 
  • ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުން

ރެއީސާ ވިދާޅުވީ ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަމެއްކަމަށައި އެ މަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިވަނީ ފާހަގަކުރެވޭ މިންވަރަށް ކުރިއެރުން ހޯދާފައިވާކަމަށާއި މިގޮތުން ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމު ހިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުން ނަތީޖާ ހާސިލުކޮށްފައިވާ ކަމީ ފާހަގަކުރަންޖެހޭ ކަމެއްކަމަށް ރެއިސާ ވިދާޅުވި އެވެ. 

ނަމަވެސް ފިސްކަލް ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެތީ ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން ފެބްރުވަރީ 6 ވަނަ ދުވަހު ނެރުނު، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" އިން ދައްކާ ގޮތުން ދިވެހިރާއްޖޭގެ އިންސާނީ ކެޕިޓަލް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގައި ނަމަވެސް ސަރަހައްދީ އަދި މިންތީގެ ހަމަހަމަ ނޫންކަން އަދިވެސް ރާއްޖޭގައި އެބަ އޮތްކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް