ރައްޔިތުން މަޖިލީހުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތު މެމްބަރަކު ކުރެއްވި ސުވާލުގައި ޖަވާނު ދެއްވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. އެއީ މަސްވެރިންނަށް ދޭ ތެލާއި މަސްވެރިންނަށް ބޭނުންވާ އައިސްވެސް ހިމެނޭ ގޮތަށްކަމަށެވެ. ސިޔާމް ވިދާޅުވީ މި ސަރުކާރުވެކިކަމާއި ހަވާލުވިއިރު ބޮޑު އަދަދެއް ވާރުވެވެފައި އޮތްކަމަށެވެ.
ވަޒީރު ވިދާޅުވީ މިިދިޔަ ސަރުކާރުން މަސްކިލޯއެއް 25 ރުފިޔާއަށް ގަންނަން ބޮޑުކުރަން ނިންމި ނިމުން އޭރު މިފްކޯއިން ހިންގާ ހަރަދުވެސް ނުލާ މަސް ގަންނަން ޖެހުނީ ބާޒާރުގައި ހުރި އަގަށްވުރެ 2 ރުފިޔާ ގެއްލުމުގައިކަމަށެވެ. އަދި މިފްކޯގެ ހަރަދަށް 35 އިންސައްތަ ލުމުން އެއީ 11 ރުފިޔާ ގެއްލުމުގައިކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އަދި އެ އަގުގައި މަސް ގަންނަމަ 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދޭންޖެހޭނެކަމަށާއި އެއީ މިވަގުތު ދައުލަތުގެ އާމްދަނީ ހުރި ގޮތުން ވާނެކަމެއް ނޫންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އިންތިހާބާއި ދިމާކޮށް މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ އެއްވެސް ދިރާސާއެއް ނުކޮށްކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެ ގޮތުން އޭރު ދުނިޔޭގެ ބާޒާރުގައި މަސްކިލޯއެއް އަގު ހުރީ 22 ރުފިޔާއަށެވެ.
މަސްކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރަން ކުރީ ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 16 ވަނަދުވަހުއެވެ. މަސްގަންނަ އަގު ބޮޑުކުރީ ރާއްޖެއިން އިނގިރޭސިވިލާތާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ޔަގީންވެފައިވާތީކަމަށް އޭރު ބުނެއެވެ.