ads
މަޖިލިހުގައި ރައީސް އާއި ނައިބު ރައީސް އާ ސުވާލުކުރެވޭ ގޮތް ހަދަން ހުށަހަޅައިފި
ރައީސް އާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގަވައިދު ބަދަލުކުރުމަށް މިއަދު މަޖިލިހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެންނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.

ސަލީމްގެ ހުށަހެޅުމާ ގުޅޭ ގޮތުން މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ހައްގު ވަރަށް ފުޅާކޮށް ގާނޫނު އަސާސީގައި މަޖިލިހަށް ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރުންނާ ސުވާލު ކުރުމާ ބެހޭ ތަފްސީލްތައް، ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް މަޖިލިހުގެ ގަވައިދުގައި ހިމަނަންޖެހޭ ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާގެ ތެރެއިން، ހަމައެކަނި މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސް އެޅޭ ކަމަށެވެ.

"ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން، އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައިސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް. ގާނޫނުއަސާސީގައި މި ބުނަނީ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު އެމީހެއްގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޖަވާބުދާރީވާން ޖެހޭނ‏ޭ." ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުން ވެސް މަޖިލިހަށް ހާޒިރުކޮށްގެން ސުވާލުކުރެވޭނެ ފަދަ އިޖުރާތްތައް މަޖިލިހުގެ ގަވައިދުގައި ހިމަނަންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

މީގެއިތުރުން މިހާރު އަމަލުކުރަމުން އަންނަ ކުރީގެ ގާނޫނުގެ ސަބަބުން މެންބަރުންނަށް ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާތީ، އެ ގާނޫނު އުވާލުމަށް ވެސް ސަލީމް ވަނީ ހުށަހަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް