މަޖިލީހުން ރުހުން ނުދީ ބޭރުކޮށްލީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރުއެވެ.
ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިބެވޭނެ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރަށް މަޖިލިސް މެމްބަރުން މިއަދު އަންނަނީ ބަހުސް ކުރަމުންނެވެ.
މަޖިލީހުގެ ރައީސް އަސްލަމް މިއަދު ޖަލްސާ ފައްޓަވަމުން ވިދާޅުވީ އިވާގެ ގަރާރު ފާސްކުރުމުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ހޯދަން ފޮނުވި މައްސަލާގައި އަމަލުކުރަން މަޖިލީހަށް ފެންނަ ގޮތެއް އެނގޭނެކަމަށެވެ. އެހެންކަމުން ގަރާރުގެ މަސައްކަތް ނިމެންދެން ރުހުން ދިނުން އެޖެންޑާކުރުން ފަސްކުރަން އަސްލަމް ވަނީ ނިންމަވާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވަޒީރު ޝަހީމަށް ރުހުންދިނުމަށް ނެގި ވޯޓްގައި އޭނާއަށް ރުހުން ނުދޭން ފެންނަކަމަށް 31 މެމްބަރުން ވޯޓް ދިނެވެ. ރުހުން ދޭން ފެންނަކަމަށް ވޯޓް ދެއްވީ 30 މެމްބަރުންނެވެ. އެއްވސް ކޮޅަކަށް ވޯޓް ނުދެއްވާ 8 މެމްބަރަކު ތިއްބެވިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ހައިދަރަށް ރުހުން ދޭން ނުފެންނަކަމަށް 46 މެމްބަރުން ވޯޓް ދެއްވިއެވެ. އޭނާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓްދިނީ 24 މެމްބަރުންނެވެ.
އުޝާމަށް ރުހުން ނުދޭން 44 މެމްބަރުން ވޯޓް ދެއްވިއެވެ. އޭނާއަށް ރުހުން ދޭން ފެންނަކަމަށް ބުނީ 24 މެމްބަރުންނެވެ.
މި ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ނުލިބުމުން ހަމަ އެދުވަހުގެ ވަގުތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެ 3 ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަންކުރައްވާފައެވެ.