ads
ކެންސަރާ ދެކޮޅަށް ވެކްސިނެއް އުފެއްދުމާ ވަރަށް ގާތްވެއްޖެ: ޕުޓިން
ރަޝިޔާއިން ކެންސަރާ ދެކޮޅަށް ވެކްސިނެއް އުފެއްދުމާ ވަރަށް ގާތްވެއްޖެ ކަމަށް އެގައުމުގެ ރައީސް ލަޑިމީއަ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކުރިއަށްދިޔަ ފިއުޗާ ޓެކްނޯލޮޖީ ފޯރަމްގައި ވާހަކަދައްކަވަމުން ޕުޓިން ވަނީ އެގައުމުން ކެންސަރު ވެކްސިނެއް އުފައްދަން އުޅޭކަން ހާމަކޮށްފައެވެ.

"އަޅުގަނޑުމެން މިވަނީ 'އޮންކޯވެކްސިން' ނުވަތަ ކެންސަރާ ދެކޮޅަށް އުފައްދާ ވެކްސިންތަކާއި އާ ޖީލެއްގެ އިމިއުނޯމޮޑޫލޭޓަރީ ބޭސްތައް އުފެއްދުމާ ގާތްވެފަ". ޕުޓިން ވިދާޅުވިއެވެ.

  އުންމީދު ކުރައްވަނީ ވަރަށް އަވަހަށް އެއީ އިންޑިވިޖުއަލައިޒްޑް ތެރަޕީތަކެއްގެ ގޮތުގައި ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ އެއްޗެކަށް ވެގެން ދިއުން ކަމަށް ޕުޓިން ވިދާޅުވިއެވެ.

 އުފައްދާ ވެކްސިންތަކުން އަމާޒުކުރާނީ ކޮން ބާވަތެއްގެ ކެންސަރަކަށް ކަމެއް އަދި ކިހިނެއް ކަމެއް ޕުޓިން ހާމައެއް ނުކުރައްވަ އެވެ.

ކެންސަރު ވެކްސިން ހެދުމަށް ބައެއް ގައުމުތަކާއި ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. 

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޖަރުމަނުގެ ބަޔޯއެންޓެކްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، "ޕާސަނަލައިޒްޑް ކެންސާ ޓްރީޓްމެންޓް" ފޯރުކޮށްދޭ ކްލިނިކަލް ޓްރައިލްތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ މޮޑަނާ އާއި މާކް އެންޑް ކޯ އިން ތަޖުރިބާކުރަން ކެންސަރު ވެކްސިނެއް އުފައްދަމުންދާއިރު، މިޑް ސްޓޭޖް ދިރާސާއަކުން ދައްކާ ގޮތުގައި މެލަނޯމާ -  އެންމެ ނުރައްކާތެރި ހަމުގެ ކެންސަރު - ޖެހިގެން ތިން އަހަރު ދުވަހުގެ ފަރުވާއަށް ފަހު އަލުން ޖެހުމުގެ ނުވަތަ މަރުވުމުގެ ފުރުސަތު ދެބައިކުޅަ އެއްބައި ކުޑަވެގެން ދިޔަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ސާވިކަލް ކެންސަރު ހިމެނޭ ގޮތަށް ގިނަ ކެންސަރުތަކެއް ޖެހޭ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އަށް ލައިސަންސް ލިބިފައިވާ ހަ ވެކްސިންގެ އިތުރުން ފުރަމޭގެ ކެންސަރަށް މަގުފަހިވާ ހެޕަޓައިޓިސް ބީ (އެޗްބީވީ) އަށް ވެކްސިން ވެސް ދީފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް