ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ހުއްޓުވައި، މަސައްކަތް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ސްޕްރީމް ކޯޓުން މިއަދު އަމުރެއް ނެރުމާއި ގުޅިގެން މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ.
އަދި ގުޅީފަޅު ހިއްކުމުގެ އެއްބަސްވުމަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެއްބަސްވުމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން." މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބުގެ ޕޯސްޓައް ރައްދުދެއްވަމުން ކުރީ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރާމް ކަމާލުއްދީ ވިދާޅުވީ، ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެގްރީމަންޓެއް ނަމަ އެއީ ކޮން ގެއްލުމެއްކަން ހާމަކޮށްފަނުވަނީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކަމަށެވެ.
"ގެއްލުންވާކަމެއް ނެތީމާ އެކަމެއް ފާހަގަނުކުރެއްވެވުނީ. ހާމަ ކޮށްދެއްވަން ވީ ނޫންތޯ." އަކްރަމް ވިދާޅުވިއެވެ.
މިއަދު ސްޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނީ، އެ މަސައްކަތް ހުއްޓުވައިފިނަމަ ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު ބޮޑުކޮށް ފެންނަން އެބައޮތް ކަމަށެެވެ.
އެހެންކަމުން ބަންޑާރަނައީބު އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ އަމުރުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މަސައްކަތް ހުއްޓާލަން ނެރުނު އަމުރަށް އަމަލުނުކުރުމަށް އަންގާ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.