ލޭންޑް އެންޑް ސަވޭ އޮތޯރިޓީން ބުނިގޮތުގައި އެ ރަށްތައް ހުޅުވާލާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
އެ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރަން ނިންމާފައިވަނީ ހދ. އާއި ށ. އާއި ނ. އާއި ދ. އާއި ތ. އާއި ގއ. އަތޮޅުން، ކޮންމެ އަތޮޅަކުން ދެ ރަށެވެ. ރ. އަތޮޅުން ތިން ރަށް އަދި ގދ. އަތޮޅުން ހަތަރު ރަށް ކައުންސިލްތަކަށް ދޫކުރަން ނިންމި އިރު މ. އާއި ފ. އަތޮޅުން ދޫކުރަން ނިންމާފައިވަނީ ކޮންމެ އަތޮޅަކުން ވެސް އެންމެ ރަށެކެވެ.
ލޭންޑް އެންޑް ސަވޭ އޮތޯރިޓީން ކުރި އިއުލާނުގައި ވާ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކަކީ:
ހދ. ފަރިދޫ – 26.46 ހެކްޓަރު
ހދ. ހިރިނައިދޫ – 6.40 ހެކްޓަރު
ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު
ށ. މިގޫދޫ – 8.66 ހެކްޓަރު
ނ. ދީފުރަމް – 2.37 ހެކްޓަރު
ނ. އިނގުރައިދޫ – 13.12 ހެކްޓަރު
ރ. ހިބޫދޫ – 2.48 ހެކްޓަރު
ރ. ހުޅުދޫ – 1.63 ހެކްޓަރު
ރ. ނެޔޮ – 7.19 ހެކްޓަރު
ބ. މާއްޑޫ – 25.93 ހެކްޓަރު
ބ. ދަކަންދޫ – 5.73 ހެކްޓަރު
މ. މާހުރާ – 4.84 ހެކްޓަރު
ފ. މަކުނުއެރި – 1.28 ހެކްޓަރު
ދ. ފެންފުށި – 3.51 ހެކްޓަރު
ދ. މިނިމަސްގަލި – 4.64 ހެކްޓަރު
ތ. ފެންމީރުފުށި – 1.70 ހެކްޓަރު
ތ. ކަކޮޅަސް – 16.19 ހެކްޓަރު
ލ. ކަނޑަރު – 4.27 ހެކްޓަރު
ލ. ބޮޑުމާބުޅަލި – 5.07 ހެކްޓަރު
ގއ. ވިލިގަލާ – 3.25 ހެކްޓަރު
ގއ. މުނަންދުވާ – 6.35 ހެކްޓަރު
ގދ. މާނައިދޫ – 16.15 ހެކްޓަރު
ގދ. އާކިރަހުއްޓާ – 9.21 ހެކްޓަރު
ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު
ގދ. ލޮނުދޫ – 5.96 ހެކްޓަރު
ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭގޮތަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.
މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލް ވަޒަން ކުރުމަށް ފަހުގަ އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެ އެވެ. ހަމައެއާއެކު، ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް، ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެ އެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވަނީ އަތޮޅެއްގެ އިހުތިސޯސްގެ ތެރޭގައި މީހުން ނޫޅޭ ޖަޒީރާތައް ދޫކުރާނީ، ސަރުކާރާއި ކައުންސިލާ ދެމެދު ހެދޭ އެއްބަސް ވުމެއްގެ ދަށުން، އެ އަތޮޅު ތެރޭގައި ދިރިއުޅޭ ހުރިހާ ޖަމާއަތް ތަކެއްގެ ރުހުމާއެކު ކަމަށް ފާހަގަ ކުރައްވާފައެވެ.